ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ވަދެނިކުތުން ޔަހޫދީން މަނާ ކޮށްފިއެވެ. މިއީ ކޯވިޑް-19ގެ ފަހުން މަސްޖިދުލް އަަޤްޞާ މި ފަދަ ގޮތަކަށް ބަންދު ކުރާ ފުރަތަމަ ފަހަރެވެ.
ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަހު ޔަހޫދީ ސިފައިން މިސްކިތުގެ ތެރެއަށް ވަދެގަނެ މިސްކިތުގައި ތިބި މީހުން ވަނީ ބޭރު ކޮށްލައިފައެވެ. އެއަށްފަހު މިސްކިތުގެ ދޮރުތައް ލައްޕައި ގޭޓުތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އެއްވެސް މީހަކަށް މިސްކިތަށް ނުވަދެވޭނެ ކަމަށް ޔަހޫދީ ސިފައިން އަންގާފައިވާ ކަމަށް އެ ވަގުތު އެ ސަރަޙައްދުގައި ތިބި މީހުން ބުނެއެވެ. އެއާއެކު އެ ދުވަހު މަސްޖިދުލް އަޤްޞާގައި ހުކުރު ނަމާދު ވެސް ކޮށްފައެއް ނުވެއެވެ.
ޔަހޫދީން މަސްޖިދުލް އަަޤްޞާ ބަންދު ކޮށްފައި ވަނީ އީރާނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ފަހު، ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެސް ފުރަބަންދެއް ޤާއިމު ކޮށްފައިވަނިކޮށެވެ. އޭގެ ފަހުން އީރާނުން ވެސް ދަނީ ޔަހޫދީންނާ ދެކޮޅަށް ވަރުހަދަ ޙަމަލާތައް ދެމުންނެވެ.
ޤުދުސުގައި ހުންނަ އިސްލާމިކް ވަޤުފުގެ އިންޓަނޭޝަނަލް އެފެއާޒް، ޑިޕްލޮމަސީ އެންޑް ޓުއަރިޒަމްގެ ޑިރެކްޓަރު އަޢޫން ބަޒްބާޒް ވިދާޅުވީ ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ބަހަނާއެއްގެ ގޮތުގައި ދަައްކައި މަސްދިދުލް އަޤްޞާއަށް ޔަހޫދީން އިތުރަށް ބާރު ފޯރުވުމަށް މަސައްކަތް ކޮށްފާނެތީ ކަންބޮޑުވާ ކަމަށެވެ. ދުނިޔޭގެ ސަމާލުކަން ޔަހޫދީން ކެނޑިނޭޅި ޙަމަލާ ދެމުންދާ ޣައްޒާއަށާއި އީރާނަށް ހުއްޓިފައިވާ ވަގުތު، މަސްޖިދުލް އަޤްޞާ ބޭނުން ކުރުމަށް އައު ހުރަސްތައް އެޅުމަށް ޔަހޫދީން މަސައްކަތް ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.