ޚަބަރު

ތައިލެންޑް މުބާރާތުގައި ވާދަކުރާ ބީޗް ވޮލީ ޓީމުގެ ވިސްނުން ބަހްރެއިނަށް


ތައިލެންޑުގައި ބާއްވާ 21 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތަށް ދާ ޓީމުގެ ކުޅުންތެރިންގެ އަމާޒަކީ މި އަހަރު ބަހްރެއިންގައި ބާއްވާ މުބާރާތަށް ތަޖުރިބާ ހޯދުން ކަމަށް ކޯޗު އަދުނާން އަބްދުލް ހަމީދު ބުނެފިއެވެ.

ޖޫން 18 އިން 22 އަށް ތައިލެންޑްގައި ބާއްވާ 21 އަހަރުން ދަށުގެ އޭޝިއާ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންގެ ފަރިތަކުރުންތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޯޗު ބުނީ ތައިލެންޑް މުބާރާތުން ބޮޑު ކާމިޔާބީއެއް ނުލިބުނަސް މިއީ ކުރިޔަށް ހުރި މުބާރާތްތަކަށް ރަނގަޅު ތަޖްރިބާއަކަށް ވާނެކަމަށެވެ.

21 އަހަރުން ދަށުގެ އޭޝިއާ ބީޗް ވޮލީބޯލް މުބާރާތުގައި ބައިވެރިކުރާ ޓީމު މިއަހަރުގެ އޮކްޓޫބަރުގައި ބަހްރެއިންގައި އޮންނަ 17 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތަށް ތައްޔާރުކުރުމަކީ އަމާޒެއް ކަމަށް އަދްނާން ބުންޏެވެ.

ކޯޗު ބުނީ ތައިލޭންޑް މުބާރާތަށް ތައްޔާރުކުރި ދިވެހި ކުޅުންތެރިންގެ އުމުރާއި ބަލާފައި އެ ކުޅުންތެރިންގެ ޕާފޯމެންސާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މުބާރާތަށް ރަނގަޅަށް ތައްޔާރުވެވިއްޖެ ކަމަށެވެ.

"މި މުބާރާތުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް މި މުބާރާތަކީ ތަޖުރިބާއެއް، މުސްތަގުބަލަށް މި ކުދިން ރަނގަޅުވާނެ ކަމަށް ބަލަނީ" ކޯޗު ބުންޏެވެ.

21 އަހަރުން ދަށުގެ ގައުމީ ބީޗް ވޮލީ ޓީމުގެ ކޯޗު ބުނީ ރާއްޖޭގައި ފަރިތަކުރުންތައް ބާއްވަން އޮންނަނީ ހުޅުމާލޭގައި އޮންނަ ދަނޑު އެކަނި ކަމަށެވެ. އެއީ ދިމާވާ ދައްޗެއް ކަމަށާއި، އެ ކޯޓުގައި އޮންނަ ފަސްގަނޑަކީވެސް ބައިނަލްއަގްވާމީ މުބާރާތްތައް ކުޅޭ ފަސްގަނޑުތަކަށްވުރެ ހަރު ފަސްގަނޑެއް ކަމުން އެއީވެސް ގޮންޖެހުމެއް ކަމަށް ކޯޗު ފާހަގަކުރިއެވެ.

ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ބީޗް ހޭންޑް ބޯޅަ ޓީމުން 21 އަހަރުން ދަށުގެ އޭޝިއާ ބީޗް ވޮލީބޯލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 2 މަސްދުވަސް ކުރިން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. މި ޓީމު ތައިލޭންޑަށް ފުރުމަށް ހަމަޖެހިފައިވަނީ މިރެއެވެ.

ޓީމުގެ ކޯޗު އަދުނާން ބުނީ ކުޅުންތެރިންގެ ހުނަރާއި މެދު ހިތްހަމަޖެހޭ ކަމަށާއި، މި ކުޅުންތެރިންނާއެކު މުސްތަގްބަލުގައި ރަނގަޅު ޓީމެއް ބިނާ ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

21 އަހަރުން ދަށުގެ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންނާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވަނީ ބައްދަލުކުރައްވާފައެވެ.

މިދިޔަ ހަފްތާގައި ކުޅިވަރު ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި ޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްދެއްވުމަށްފަހު ވަޒީރު ވަނީ މި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.