ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުނު ފުރަތަމަ ފްރޮންޓިއަރ ޕްލަސް އޮޕަރޭޝަންގައި ބައިވެރިވެ، ދިވެހި ފުލުހުންގެ ޚިދުމަތުން މުހިންމު ކާމިޔާބީތަކެއް ހޯދައިފިއެވެ.
ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އޮޕަރޭޝރޭޝަނަކީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހުގެ 28 އިން މޭ މަހުގެ 28އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 7 ޤައުމަކުން ބައިވެރިވެ، އިންޓަރނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކޮށްފައިވައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފްރޮންޓިއަރ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑުގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު މި ނެޓްވޯކްގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގ، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ދިވެހިރާއްޖެ ހިމެނެއެވެ. މި ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސްގެ މައުލޫމާތު ހިއްސާކުރުމަށް މިމަހުގެ 3 ވަނަ ދުވަހު ހޮންކޮންގގައި ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުޙައްމަދު ވަނި ބައިވެރިވެފައެވެ. ފްރޮންޓިއަރ ޕްލަސް އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވާ ކަމަށާއި، އެ މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. އަދި އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވާ ކަަމށް ފުލުހުން ވިދާޅުވިއެވެ. މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށާއި މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓު ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައެވެ. އަދި ކުރިއަށްއޮތް ތަނގުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި ވަނީ މަޝްވަރާކުރެވިފައެވެ.
އެގޮތުން، ފްރޮންޓިއަރ ޕްލަސް ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެކެވެ.