އިޓަލީގެ އިންޓަރ މިލާނަށް ކުޅެމުންދާ އިރާނުގެ މިޑްފީލްޑަރ މަހުދީ ތަރޭމީ އިރާނުގައި މިވަގުތު ތާށިވެފައިވާތީ އޭނާއަށް ފީފާ ކްލަބް ވޯލްޑްކަޕްގައި ނުކުޅެވޭނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
މިއަދު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި މަހުދީ ތަރޭމީ އަށް ނުކުޅެވޭނީ އިރާނާއި އިޒްރޭލާއި ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އޭނާއަށް އެ ގައުމުން ބޭރުވުމުގައި ދަތިތަކާއި ކުރިމަތިވެފައިވާތީ އެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިރާނުގެ އެއްވެސް އެއަރޕޯޓަކުން ފްލައިޓުތައް ފުރުމާއި ޖެއްސުން ވަނީ ހުއްޓާލާފަ އެވެ. އެހެންކަމުން ތަރޭމީއަށް ވަނީ އެ ގައުމުން ބޭރުވުމުގައި މައްސަލަތަކެއް ކުރިމަތިވެފަ އެވެ.
ވޯލްޑްކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހު އުތުރު ކޮރެއާ އާއި ދެކޮޅަށް އިރާން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އިރާން ކާމިޔާބުކުރިއިރު ތަރޭމީ ވަނީ އުތުރު ކޮރެއާ ކޮޅަށް ލަނޑެއް ޖަހާފަ އެވެ.
އިންޓަރ މިލާނަށް ކުޅެމުންދާ ތަރޭމީ ވަނީ ނިމިގެންދިޔަ ސީޒަނުގައި ސެރިއާގައި ފުރަތަމަ ޓީމުގައި ހިމެނި އިންޓަރ މިލާނަށް ހަތް މެޗު ކުޅެ 19 މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު އިންޓަރ މިލާން ނިކުންނާނީ މެކްސިކޯގެ މޮންޓެރޭ އާއި ދެކޮޅަށެވެ. އަދި ގްރޫޕްގެ ދެވަނަ މެޗުގައި ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް އާއި ދެކޮޅަށް ކުޅުމަށްފަހު ފަހު މެޗުގައި ނިކުންނާނީ އާޖެންޓީނާގެ ރިވަރ ޕްލޭޓް އާއި ދެކޮޅަށެވެ.