ޚަބަރު

މަސްވެރިކަންކޮށްގެން ލިބުނު ފައިސާކޮޅު ރައްކާކޮށްގެން ދެމަފިރިން އެކުގައި ޙައްޖަށް


  • ޙައްޖުގެ އަޅުކަމަށް ފައިސާ ދެއްކީ އަމިއްލަ ބުރަ މަސައްކަތުން

  • އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދެމަފިރިން އެކުގައި ޙައްޖުކުރެވުން

މަސްވެރިކަން ކުރުމާއި ރިހާކުރު ކެއްކުމަށް މުޅި ރާއްޖޭގައި މަޝްހޫރު މ. ދިއްގަރަށް އުފަން އާދަމް އިބްރާހީމަކީ އުމުރުން އެންމެ 15 އަހަރުން ފެށިގެން މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ މަސްވެރިއެކެވެ. ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އެހާ ޅައުމުރުގައި މަސްވެރިކަމަށް ނުކުންނަން ޖެހުނަސް އޭރުވެސް ފައިސާއަކީ އާދަމް އިބްރާހިމަށް އަގުހުރި އެއްޗެކެވެ. އެގޮތުން އުޅޭނެ ބޯހިޔާވައްސެއް ބިނާކޮށް ކެއިން ބުއިމުގެ ޚަރަދުތައް ދެކޮޅު ޖެއްސީވެސް މަހަށް ގޮސްގެން ހޯދި ފައިސާއިންނެވެ.

ޒަވާޖީ ހަޔާތެއް ފަށައި، ފުރަތަމަ ދަރިފުޅު ލިބުނު ދުވަހަކީ އާދަމް އިބްރާހީމަށް ވަރަށްވެސް އުފާވެރި ދުވަހެކެވެ. މީގެ 30 ފަސްވަރަކަށް އަހަރު ކުރިން އެދުވަހު ހިތުގައި ކަނޑައެޅި އަޒުމަކީ ދެމަފިރިން އެކުގައި ޙައްޖުގެ އަޅުކަން އަދާކުރުމެވެ. ހަ ކުދިން ލިބި، އެކުދިންގެ ކިޔެވުމުގެ ކަންކަން ހަމަޖައްސައި، ގޭތެރޭގެ ޚަރަދު ބަރަދު ހަމަޖެއްސުމަށްފަހު ރައްކާކުރަން މާ ބޮޑު އަދަދެއް އަތުގައި ނޯވެއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްތަކާއި، މަސްވެރިކަން ދަށް ދުވަސްތައް އަންނާތީ ރައްކާކުރަން ލިބެނީ މަދު އަދަދެކެވެ. ބައެއް މަސްމަހު ސަތޭކަ ރުފިޔާ، އަދި އަނެއްބައި މަސްމަހު ދުއިސައްތަ ރުފިޔާ ރައްކާކުރީ ދެމަފިރިން އެކުގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޢަޒުމުގައެވެ.

"އަޅުގަނޑު މަހަށްގޮސް ލިބޭ އެއްޗަކުން ކައިބޮއެ ހަދާފައި، ގެދޮރު ހަދާފައި، ދިއްގަރު ސްކޫލުން ކިޔެވޭ ވަރަކަށް ކިޔަވައިދީފައި، ލާރިކޮޅު ބަހައްޓަމުން ބަހައްޓަމުންގޮސް މިހިސާބަށް މި ދިޔައީ."

މަދު އެތިކޮޅުން ފައިސާ ރައްކާކުރަމުން އައިސް 2017ވަނަ އަހަރު ދެމަފިރިންނަށް އެއްކޮށް ޙައްޖަށް ދެވޭވަރަށް ފައިސާ ޖަމާކުރެވުނެވެ. މިހާރު އާދަމް އިބްރާހީމްގެ އުމުރުން 67 އަހަރެވެ. ޒުވާން ދުވަސްވަރު ކުރި މަސައްކަތުން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖައްސަމުން ފަހަށް ފައިސާ ރައްކާކޮށް ޙައްޖުގެ އަޅުކަން އަދާކުރެވުމުން ހިތަށް ހަމަޖެހުން ލިބުނެވެ.

1446ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އާދަމް އިބްރާހީމްގެ ދެމަފިރިންނަށް ލިބުމުން ދެމަފިރިންގެ ހުވަފެން ހަޤީޤަތަކަށްވިއެވެ.

"ވަރަށް އުފާވެފަ މިހިރީ. ވަރަށް އުންމީދުކޮށްގެން މިހުންނަނީ މަބްރޫރު ޙައްޖަކަށް. ކުދިންވެސް ވަރަށް އުފަލުން ތިބީ" މައްކާގައިހުރެ އާދަމް އިބްރާހީމް ކިޔައިދިނެވެ.

ޒުވާން ދައުރު އަނބިދަރިން ބެލެހެއްޓުމަށް ކަނޑުމަތީގައި ބުރަ މަސައްކަތުގައި ހޭދަކުރުމަށްފަހު ގައިބާރު ދެރަވީ ދުވަހު ޙައްޖަށް އަންނަން ފުރުސަތު ލިބުނުނަމަވެސް މިއަދު އާދަމް އިބްރާހީމްގެ ދެމަފިރިން ތިބީ އުފަލުންނެވެ.

މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް ހަމަޖެހިފައި ހުރީ އާދަމް އިބްރާހީމްފަދަ ދޮށީ އުމުރުގެ މީހުންނަށް ތަކުލީފު ކުޑަކޮށެވެ.

"ޙައްޖު ކޯޕަރޭޝަނުން ވަރަށް ކަންތައްތައް ކޮށްދީފި މިފަހަރު. ވަރަށް ފަސޭހަ ގޮތްތައް ހޯދައިދީފައި އޮތީ. އެއަރޕޯޓުން އައި ގޮތަށް ބަހަށް އަރައިގެން ހޮޓަލަށް އައީ. މަޑުކުރާކަށް ނުޖެހުނު. ފޮށި ގެންނާކަށްވެސް ނުޖެހުނު. އަޅުގަނޑުމެން ގާތުގައި ބުނީ ދާށޭ ކޮޓަރިއަށް. ދެން އަޅުގަނޑުމެން އައި އިރު ފޮށި ހުރީ އައިސް." އާދަމް އިބްރާހީމް ހިތްހަމަޖެހުމާއެކު ބުންޏެވެ.

އާދަމް އިބްރާހީމްފަދަ އަމިއްލަ މަސައްކަތުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ލިބުނު މީހުން އެބަތިއްބެވެ. އެ ހުރިހާ އެންމެގެވެސް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވުމެވެ. އަދި އެކަން ފަހިވީ ޙައްޖުގެ އިންތިޒާމުތައް އެންމެ ރަނގަޅު އަހަރުއެވެ.