ޚަބަރު

އީރާނުގެ ޙަމަލާތައް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ފުޅާކުރާނެކަމުގެ އިންޒާރު


އީރާނާ ދެކޮޅަށް ޔަހޫދީން ދިން ޙަމަލާތަކުގެ ބަދަލުގައި އެ ޤައުމުން ޔަހޫދީ ދައުލަތަށް އިތުރު ޙަމަލާތައް ދިނުމުގެ އިތުރުން، އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އެ ޙަމަލާތައް ފުޅާކުރާނެކަމުގެ އިންޒާރު އީރާނުގެ އަސްކަރީ އޮފިޝަލުން ދީފިއެވެ.

"ރޭ ދިން މަދު ޙަމަލާތަކުން މި ކުރިމަތިލުން އަދި ނުނިމޭނެ. މި ޙަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާނެ. އަދި އަދި މި ޢަމަލަކީ އަނިޔާވެރިންނަށް ވަރަށް ވޭންދެނިވި އަދި ހިތާމަވެރި ރައްދަކަށް ވެގެންދާނެ،" އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ޙަވާލާދީ ފާރޒް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އަދި އީރާނުގެ ރައްދި ޙަމަލާތައް، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުރިހާ ސަރަޙައްދުތަކުގެ އިތުރުން ޔަހޫދީންގެ އެންމެ ވަރުގަދަ މަދަގުދާރު، އެމެރިކާއިން އެ ސަރަޙައްދުގައި ހިންގާ އަސްކަރީ މަރުކަޒުތަކާ ހަމައަށް ފުޅާކުރާނެކަމުގެ އިންޒާރުވެސް އެ އޮފިޝަލުން ވަނީ ދީފައެވެ.

އީރާނުން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތައް ދީފައި ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމާ ދެކޮޅަށް ޔަހޫދީން ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނިކޮށެވެ. އަދި އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ އަސްކަރީ ވެރިން ޝަހީދު ކޮށްލައިފައިވަނިކޮށެވެ.

މި ޙާލަތުގައި ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަރުގަދަ ޙަމަލާތައް ދިނުމަކީ އެ ޤައުމުގެ އަސްކަރީ ޤާބިލުކަން ދައްކުވައިދޭ ފުރިހަމަ ހެއްކެކެވެ.

ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަނީ އެތައް ސަތޭކަ މިސައިލު ޙަމަލާ ދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް’ގެ ނަމުން ނަން ދީފައިވާ ޚާއްޞަ ޙަރަކާތެއްގެ ދަށުންނެވެ. ތިން ފަހަރެއްގެ މަތިން ދިން ޙަމަލާތަކުގައި ބައެއް މިސައިލު ޙަމަލާ ދީފައި ވަނީ އީރަނުގެ ސަބްމެރިންތައް ބޭނުން ކޮށްގެންނެވެ. އެ ޤައުމުގެ އިންޤިލާބީ ފައުޖުން ބުނީ މިސައިލް ޙަމަލާ އަމާޒު ކޮށްފައިި ވަނީ އަސްކަރީ މަރުކަޒުތަކާއި ވައިގެ މަރުކަޒުތައް ހިމެނޭ ގޮތަށް ކަމަށެވެ.

އީރާނުން ދިން މިސައިލު ޙަމަލާގައި ޔަހޫދީންގެ 20 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އެ ޙަމަލާގައި ޔަހޫދީ އަސްކަރިއްޔާގެ މައި އިދާރާ ހިމެނޭ ގޮތަށް ގިނަ އިމާރާތްތަކަކަށް ވަނީ ގެއްލުން ދީފައެވެ. ޔަހޫދީން ވަނީ އީރާނުން ދިން މިސައިލު ޙަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯ ނެގުން މަނާ ކޮށްފައެވެ. އަދި އާންމުން ރައްކާތެރި ބިނާތަކުގައި މަޑުކުރުމަށް ވެސް ވަނީ އަންގާފައެވެ.