ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ.
ލަންކާއިން މި މެޗު ކާމިޔާބުކުރީ 71-45 އިންނެވެ. ފުރަތަމަ ކުއާޓާ 15-13 އިން ކާމިޔާބުކޮށް ލަންކާއިން ވަނީ ރާއްޖެއަށް ޕްރެޝަރު ބޮޑުކޮށްފައެވެ. އަދި ދެވަނަ ކުއާޓާގައި ކުޅުން ވަރުގަދަކޮށް ލަންކާއިން ވަނީ 30 ޕޮއިންޓް ހަމަކޮށްފައެވެ. މި ކުއާޓާގައި ރާއްޖެއަަށް ލިބުނީ 16 ޕޮއިންޓެވެ. ތިން ވަނަ ކުއާޓާ ލަންކާއިން ނިންމާލީ 50 ޕޮއިންޓް ހަމަކޮށްގެންނެވެ. ރާއްޖެއަށް ލިބުނީ 34 ޕޮއިންޓެވެ.
މެޗުގެ ހަތަރުވަނަ ކުއާޓާގައި ލަންކާއިން 71 ޕޮއިންޓް ހަމަކުރިއިރު ރާއްޖެއަށް ލިބުނީ 45 ޕޮއިންޓެވެ. ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ޕޮއިންޓް ހަމަކުރި ބިނުތީ ޖަޔަސިންހަ އާއި 23 ޕޮއިންޓް ހަމަކުރި ތަހާރާ އަރުޒޫންއެވެ.
ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 14 ޕޮއިންޓް ހަމަކުރި މަރިޔަމް މަލާކް މުހައްމަދު ސިފާންއެވެ. އަދި 13 ޕޮއިންޓް ހަމަކުރި ކައިސަމް ކައިލީން ނިމާލްއެވެ.
ދެން ރާއްޖޭގެ އަންހެން ޓީމު ބައްދަލުކުރާނީ މާދަމާ ހަވީރު 17:30 ގައި އިންޑިއާއިއެވެ. އިންޑިއާ އަތުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. އަދި މި މެޗުން ރާއްޖެ ބަލިވެއްޖެނަމަ ދެން ރާއްޖެ ކުޅެން ޖެހޭނީ ތިން ވަނަ ހޮވާ މެޗުގައެވެ.