ޚަބަރު

ޚާމަނާއީ ވިދާޅުވީ ޔަހޫދީންނަށް ސަލާމަތެއް ނެތް ކަމަށް، ޔަހޫދީންގެ ޖެޓުތަކާއި ޑްރޯންތައް އީރާނުން ވައްޓާލައިފި


ޒަޔަނިސްޓު ދައުލަތާ ދެކޮޅަށް އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަރުގަދަ ޙަމަލާތައްދީ ނިކަމެތި ކޮށްލާނެ ކަމަށް އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޙާމަނާއީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވީ ޒަޔަނިސްޓުންނަށް އެ މީހުންގެ ޖަރީމާތަކަށް ފަހު މި ފަހަރު ސަލާމަތް ނުވެވޭނެ ކަމަށެވެ. އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން އެ ކަމަށް އެއްވެސް ފުރުޞަތެއް ނުދޭނެ ކަމުގެ ޔަޤީންކަން ދެއްވައި އޭނާ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތަކަށް އީރާނުން ފުރިހަމައަށް ރައްދު ދޭނެ ކަމަށެެވެ.

ޔަހޫދީން ދެމުންދާ މިސައިލް ޙަމަލާތައް އީރާނުގެ ދިފާޢުތަކުން ދަނީ ހުއްޓުވަމުންނެވެ. އީރާނުގެ ނޫސްތަކުން ވަނީ ޔަހޫދީންގެ ގިނަ ޢަދަދެއްގެ މިސައިލުތަކާއި ޑްރޯންތަކާއި އެހެނިހެން ވައިގެ ހަތިޔާރުތައް އެ ޤައުމުން ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. އަދި ޔަހޫދީންގެ ޖެޓުތަކެއް އީރާނުން ކާމިޔާބުކަމާއެކު ވައްޓާލާފައިވާ ކަން ވަނީ ކަށަވަރުވެފައެވެ.