އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމުގެ މަގާމަށް ތޯމަސް ފްރޭންކް ހަމަޖައްސައިފި އެވެ.
ބްރެންޓްފޯޑްގެ ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ތޯމަސް ފްރޭންކް 2028 ގެ ނިޔަލަށް ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުރި އޮސްޓްރޭލިއާގެ އެންޖޭ ޕޮސްޓެކޮގްލޫ ދެ އަހަރަށްފަހު އެ މަގާމުން ވަކިކުރުމަށްފަހުގަ އެވެ.
އުމުރުން 51 އަހަރު ތޯމަސް ޓޮޓްނަމް ހޮޓްސްޕަރ އާއި ހަވާލުވެފައިވާއިރު މިދިޔަ މަހު ނިމިގެންދިޔަ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޕޮސްޓެކޮގްލޫ ވަނީ މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު އެ ކްލަބަށް ހޯދަދީފަ އެވެ. މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި ޓޮޓްނަމް ހޮޓްސްޕަރ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ މުބާރާތެވެ.
ބްރެންޓްފޯޑްގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު ފްރެންކް ވަނީ ފާއިތުވެދިޔަ ހަތް އަހަރު ދުވަހު އެ ކްލަބަށް އިރުޝާދު ދީފަ އެވެ. އަދި 2021 ވަނަ އަހަރު ޗެމްޕިއަންޝިޕް އިން އެ ކްލަބް ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދީފައިވަނީވެސް ފްރެންކްގެ އިރުޝާދުގެ ދަށުންނެވެ.
ޓޮޓްނަމް ހޮޓްސްޕަރ ގެ ކޯޗު ކަމާއި ފްރެންކް ހަވާލުވެފައިވާއިރު މިއީ 2021 ވަނަ އަހަރުގެ ޖޫން މަހަށްފަހު އެ ކްލަބުގެ ދާއިމީ ކޯޗުގެ މަގާމާއި ހަވާލުވި ހަތަރުވަނަ ފަރާތެވެ.
ނިމިގެންދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބު ކުރެވުނު ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމަށް އެދެވޭ ނަތީޖާއެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ޕްރިމިއާ ލީގު އެ ޓީމުން ނިންމާލާފައިވަނީ ރެލިގޭޝަނުން ސަލާމަތްވެ ތާވަލުގެ 17 ވަނައިގައި އޮވެގެންނެވެ. ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 22 މެޗުން އެ ކްލަބް ވަނީ ބަލިވެފަ އެވެ.
ފްރޭންކް ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމާއި ހަވާލުވެފައިވާއިރު އޭނާ ވަނީ ބްރެންޓްފޯޑްގައި އޭނާ އާއިއެކު މަސައްކަތްކުރި ބައެއް މެމްބަރުން އޭނާ އާއިއެކު ޓޮޓްނަމް އަށް ގެންގޮސްފަ އެވެ.