ކުޅިވަރު

ފީފާ ކުލަބު ވޯލްޑް ކަޕް: ހަގީގަތަކީ ކޮބާ؟


ފީފާ ކުލަބު ވޯލްޑް ކަޕް މާދަމާ އެމެރިކާގައި ފަށާނެ އެވެ. މިއީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ރިހާސަލެކެވެ. ފީފާއިން އަލަށް ތައާރަފް ކުރި މި މުބާރާތަކީ ކޮން ބާވަތެއްގެ ކިހިނެތްވާ މުބާރާތެއް ހެއްޔެވެ؟

ކުލަބު ވޯލްޑްކަޕުގައި ކުރިން ކުޅެމުން އައީ ކޮންމެ އަހަރަކު އެވެ. ވާދަ ކުރަނީ ދުނިޔޭގެ ހަތް ބައްރުގެ ޗެމްޕިއަނުން އެކަންޏެވެ. މިއާ ހިލާފަށް މުބާރާތް ފުޅާކޮށް މި ފަހަރު ދުނިޔޭގެ އެންމެ ގަދަ ކަމަށް މާކްސް ލިބުނު 32 ޓީމު ބައިވެރިކޮށްގެން ކުޅޭ ފުރަތަމަ މުބާރާތަކީ މިއީ އެވެ. ފީފާއިން ނިންމާފައިވަނީ މީގެ ފަހުން މި މުބާރާތް ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބޭއްވުމަށެވެ.

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ތިން ވަނަ ދައުރުގެ ވައުދު ފުއްދުމަށް ބާއްވާ މި މުބާރާތް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ސިފަކުރަނީ "ބޮޑު ގޯހެއް"ގެ ގޮތުގަ އެވެ.

ޓީމުތައް ކޮލިފައިވީ ކިހިނެތް؟

މުބާރާތުގައި ދުނިހޭގެ ހަ ބައްރުގެ ކުލަބުތައް ވާދަކުރާނެ އެވެ. ބައިވެރިކޮށްފައިވަނީ ކޮންމެ ބައްރެއްގެ ވެސް ޗެމްޕިއަނުންނާއި ޔުއޭފާ ޗެމްޕިއަންސް ލީގާ އެއް ފެންވަރެއްގެ މުބާރާތްތަކުގެ ގަދަ ޓީމުތަކެވެ. މި ގޮތުން ޓީމުތައް ހޮވާފައިވަނީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ޗެމްޕިއަންސް ލީގުގެ ނަތީޖާތަކަށް ބަލައިގެންނެވެ. ޔޫރަޕުގެ ގަދަ ޓީމުތައް ކަމަށްވާ ސްޕޭނުގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ ޗެމްޕިއަން ލިވަޕޫލަށް ފުރުސަތު ނުލިބުނީ މިހެންވެ އެވެ. ނަމަވެސް މިއީ އެމެރިކާގައި މުބާރާތާމެދު އޮތް ޝައުގު ކުޑަވެގެންދާ ކަމެކެވެ.

މުބާރާތުގައި ދުނިޔޭގެ 20 ގައުމެއްގެ ކުލަބުތަކުން ވާދަކުރާނެ އެވެ.
ދެކުނު އެމެރިކާ އަށް ދިން ހަ ޖާގަ ލިބުނީ ބްރެޒިލާއި އާޖެންޓީނާގެ ޓީމުތަކެވެ. އޭޝިއާއިން ޖާގަ ލިބުނީ ސައޫދީ އަރަބިއާ އާއި ޖަޕާން އަދި ޔޫއޭއީ އާއި ދެކުނު ކޮރެޔާގެ ޓީމުތަކަށެވެ. އެފްރިކާއިން މިސުރާއި ޓިއުނީޝިއާ އަދި ދެކުނު އެފްރިކާ އާއި މޮރޮކޯގެ ޓީމުތަކެވެ.

އެމެރިކާގައި އިންޓަ މިއާމީ އަށް ފުރުސަތު ދިނީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ލައްވައި ކުޅުވަން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އެކަމަކު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އައް ނަސްރަށް ޖާގަ ލިބޭ ގޮތެއްނުވި އެވެ.

މުބާރާތް ކުޅެނީ ކިހިނެތް؟

މި މުބާރާތް ކުޅެނީ ފީފާ ވޯލްޑް ކަޕް މިހާތަނަށް ކުޅުނު ފޯމެޓަށެވެ. ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ. މުބާރާތުގެ ދެ ވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގަދަ ދެ ޓީމެވެ. ފައިނަލް މެޗު ކުޅޭނީ ޖުލައި 13 ވަނަ ދުވަހު އެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ އެމެރިކާގެ 12 ސްޓޭޑިއަމެއްގަ އެވެ.

އިނާމަކީ ކޮބާ؟

މުބާރާތުގެ އިނާމް ފައިސާގެ ގޮތުގައި 32 ޓީމަށް 775 މިލިއަން ޕައުންޑް ބަހާނެ އެވެ. މެޗުތަކުގެ ނަތީޖާ އަށް ބަލައިގެން ފައިސާ ބެހުމުން ޗެމްޕިއަން ޓީމަށް 97 މިލިއަން ޕައުންޑް ލިބޭނެ އެވެ. އިނާމް ފައިސާ ބަހާނީ ތިރީގައި މިވާ ގޮތަށެވެ.
• ގްރޫޕް ސްޓޭޖް: މޮޅުވާ ކޮންމެ މެޗަކަށް 1.5 މިލިއަން ޕައުންޑް، އެއްވަރު ވެއްޖެ ނަމަ 8 ލައްކަ ޕައުންޑް.
• ގަދަ 16 އަށް ދަތުރުކޮށްފިނަމަ 5.8 މިލިއަން ޕައުންޑް
• ކުއާޓާ ފައިނަލަށް ގޮސްފިނަމަ: 10.1 މިލިއަން ޕައުންޑް
• ސެމީ ފައިނަލް ކުޅެފިނަމަ: 16.2 މިލިއަން ޕައުންޑް
• ފައިނަލް ކުޅެފިނަމަ: 23.2 މިލިއަން ޕައުންޑް
• ޗެމްޕިއަން ޓީމަށް: 30 މިލިއަން ޕައުންޑް

މީގެ އިތުރުން ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި ކޮންމެ ބައްރެއްގައި އެ ޓީމެއްގެ ދަރަޖަ އޮތް ފެންވަރަށް ބަލާފައި ފައިސާ ދޭން ވަނީ ހަމަޖައްސާފަ އެވެ. މި ގޮތުން ޔޫރަޕުގެ އެންމެ ގަދަ ޓީމުތަކަށް 26.9 މިލިއަން އަދި އަދި އެންމެ ދަށް ރޭންކުގެ ޓީމުތަކަށް 9.9 މިލިއަން ޕައުންޑް ލިބޭނެ އެވެ.

މުބާރާތުގެ ޗެމްޕިއަނުންނަށް ވަނީ ހާއްސަ ބެޖެއް ތައްޔާރުކޮށްފަ އެވެ. ތަށި ހޯދާ ޓީމެއްގެ ޖާޒީގައި މޭމަތީގައި މި ބެޖް އެހެން ޓީމަކުން ތަށި ހޯދަން ދެން ހުންނާނެ އެވެ.

މެޗުތައް ފެންނާނެތަ؟

މި މުބާރާތުގެ މެޗުތައް އެކްސްކްލޫސިވްކޮށް ލައިވް ސްޓްރީމް ކުރުމަށް ޑަޒްން އިން ވަނީ 1 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މުބާރާތުގެ 63 މެޗު ހިލޭ ބަލާލެވޭނެ އެވެ. މި ނިންމުމާމެދު ފާޑުކިއުން އަމާޒުވި އެވެ. ސަބަބަކީ މި އެއްބަސްވުން ނިމުނުތަކާއެކު ޑަޒްން އާއި ސައޫދީ އަރަބިއާގެ ސޫރްޖް ސްޕޯޓްސްއާއެކު 1 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހެދުމުންނެވެ. އޭގެ ފަހުން މުބާރާތުގެ މައި ސްޕޮންސަރުންނަށް ސައޫދީގެ މަޝްހޫރު ތެލުގެ ވިޔަފާރި ކުރާ އަރާމްކޯ އާއި ސްޓޭޓް އިންވެސްޓްމަންޓް ފަންޑް ޕީއައިއެފް ވުމުންނެވެ.

މުބާރާތަށް ފާޑުކިއުން އަމާޒުވަނީ ކީއްވެ؟

މި މުބާރާތަށް ފާޑުކިޔާ އެއް ބަޔަކީ ކުޅުންތެރިންގެ ހައްގުގައި ވަކާލާތު ކުރާ ފިފްޕްރޯ އާއި އެކި ގައުމުތަކުގެ ލީގުތަކުންނެވެ. ސަބަބަކީ ކުޅުންތެރިންނަށް ދިގު ސީޒަނަށް ފަހު އަރާމު ކުރަން ލިބޭ ވަގުތު މަދުވާތީ އެވެ. އެ ބައި މީހުން ބުނަނީ މެޗުތައް ތޮއްޖެހި ކުޅުންތެރިންގެ ފައިން ބާރުދާން ފަށައި މޮޅު ކުޅުންތެރިން ހުނަރު ނުފެނި އަނިޔާގައި ތިބުން އިތުރުވަނީ ކަމަށެވެ.
މުބާރާތަށް ފާޑުކިޔާފައިވާ ކުޅުންތެރިންނާއި ކޯޗުންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ކެޕްޓަން ކެވިން ޑިބްރޭނާ އާއި ލިވަޕޫލްގެ ބްރެޒިލް ކީޕަރު އަލިސަން ބެކާ އާއި ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ހިމެނެ އެވެ.

ނަމަވެސް ރައްދުފައި ފީފާއިން ބުނަނީ މިއީ ހަތަރު އަހަރުން އެއް އަހަރު ބާއްވާ މުބާރާތެއް ކަމަށާއި މިހެންވެ ލީގު ޝެޑިއުލް ދިގު ވުމަކީ ފީފާ އިން ޒިންމާވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ކުޅުންތެރިންނަށް ކުލަބުތަކުން ބޮޑު މުސާރަ ދެނީ އެ މީހުންގެ ކުޅުން ސަޕޯޓަރުންނަށް މެދު ނުކެނޑި ދެއްކުމަށް ކަމަށެވެ.