ޚަބަރު

ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ޔުގާންޑާއާއެކު މަޝްވަރާކުރައްވައިފި


  • އިޤްތިޞާދީ ތަރައްޤީއާއި، މޫސުމީ ވިލުންތެރިކަމުގެ ދާއިރާއިން އެއްބާރުލުމަށް ދިނުމަށް މަޝްވަރާކުރެއްވި

  • ދެ ޤައުމުން އެކުގައި މަސައްކަތްކުރުންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި

ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ޔުގާންޑާއިން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

ޔުގަންޑާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ޕްރޮފެސަރ ޖޮއިސް ކަކޫރާމަޓްސީ ކިކަފުންޑާވަނީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވާފައެވެ. މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ޔުގަންޑާގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަމަނާއަށް މަރުޙަބާވިދާޅުވެ، ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައި، އިޤްތިޞާދީ ތަރައްޤީ އާއި، މޫސުމީ ވިލުންތެރިކަމާއި، ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޔުގާންޑާއިން ގެންގުޅުއްވާ ޝައުޤުވެރިކަމުގެ އަގުވަޒަންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ދެ ޤައުމަށްވެސް ފައިދާކުރަނިވި މޭރުމަކުން އެކުގައި މަސައްކަތްކުރުންމަތީ ދިވެހި ސަރުކާރުން ދެމިތިބޭނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެއިތުރުން ފަރުދީ ފެންވަރުގައްޔާއި، ޘަޤާފީ ގޮތުންނާއި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޔުގަންޑާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 30 ނޮވެމްބަރ 1993 ގައެވެ.