ކަޝްމީރުގެ އިންޑިއާ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ބަޑީގެ ބޭނުން ނުކުރުމަށް އިންޑިޔާގެ ދާޚިލީ ވަޒީރު ރަޖްނަތު ސިންގް، އެގައުމުގެ ސަލާމަތީ ބާރުތަކަށް ގޮވާލައިފިއެވެ.
ޖަންމޫ ކަޝްމީރުގައި ހިނގަމުންދާ ކުރިމަތިލުންތައް ދިގުދެމިގެން ގޮސްފައިވާ މިދަނޑިވަޅުގައި ރަޖްނަތް ސިންގް އިންޑިޔާގެ ސަލާމަތީ ބާރުތަކަށް އިލްތިމާސްކުރެއްވީ އެހަމަނުޖެހުންތަކާ މުޢާމަލާތް ކުރުމުގައި ކެތްތެރިވުމަށެވެ.
އިންޑިޔާއާއި ޕާކިސްތާނުގެ ދެމެދުގައިވާ މައިގަނޑު މައްސަލައަކީ ކަޝްމީރުގެ މައްސަލައެވެ. ކަޝްމީރުގެ މައްސަލާގައި އިންޑިޔާއާއި ޕާކިސްތާން ދެ ހަނގުރާމައެއް ކޮށްފައިވެއެވެ. އަދި މިހާރުވެސް އިންޑިޔާއާއި ޕާކިސްތާނާދެމެދު އިތުރުބާރު ގެއްލި ދެޤައުމުގެ ދެމެދުގައި ރަގަނޅު ގުޅުންތަކެއް ޤާއިމް ކުރެވިފައިނުވަނީ ކަޝްމީރުގެ މައްސަލައިގެ ސަބަބުންނެވެ.
ކަޝްމީރުގެ އިންޑިޔާ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރުގެ އާބާދީގެ ބޮޑުބަޔަކީ މުސްލިމުން ކަމަށްވާއިރު އެސަރަހައްދުގެ މިނިވަންކަމަށްޓަކައި ހަތިޔާރުއެޅި އެތަށް ޖަމާއަތެއް އިންޑިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދެއެވެ. އަދި ޖަންމޫ ކަޝްމީރުގެ ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތު އިންޑިޔާއިން ޕާކިސްތާނުގެ ކުރަމުންގެންދެއެވެ. މިއާއެކު ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތަކަށް އަމަލުކުރުމަށް އިންޑިޔާ ދެކޮޅު ހަދާކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ.
ޖަންމޫ ކަޝްމީރަކީ އާންމުކޮށް ހަމަނުޖެހުންތައް ބޮޑު ސަރަހައްދެއް ނަމަވެސް ފާއިތުވި ދެތިން ހަފްތާގައި ހަމަނުޖެހުންތައްވަނީ އާދަޔާ ޚިލާފަށް ބޮޑުވެ، ދިގުލައިގެންގޮސްފައެވެ.
މިހާރު ހުއްޓުމެއްނެތި ކުރިޔަށްދާ ހަމަނުޖެހުންތައް ފެށިފައިވަނީ މި މަހުގެ 8 ވަނަ ދުވަހު އިންޑިޔާގެ ސަލާމަތީ ބާރުތަކުން ބަޑިން ޙަމަލާދީ ޖަންމޫ ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރެއް ކަމަށްވާ ބުރްހާން މަރާލުމާ ގުޅިގެންނެވެ. އެއަށްފަހު ޖަންމޫ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ތިރީސް ހައަކަށްވުރެ ގިނަ މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެއެވެ.
ޖަންމޫ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެސަރަހައްދުގެ ޒުވާނުން އިންޑިޔާގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ބޭނުންކުރަނީ އޮއްގަލާއި އެނޫންވެސް ތަކެއްޗެވެ. އަދި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އިންޑިޔާގެ ސަލާމަތީ ބާރުތަކުން ބަޑީގެ ބޭނުންކުރުމުގެ ސަބަބުން އެތަށްބަޔަކު މަރުވެ އަދި ގިނައަދަދެއްގެ ބަޔަކު ޒަޚަމްވަމުންދާއިރު ޖަންމޫ ކަޝްމީރުގެ އާންމުންގެ މެދުގައި ވަނީ ރުޅިވެރިކަމާއި ހިތް ނުތަނަވަސްކަން އުފެދިފައެވެ. އަދި މިކަމުގެ ސަބަބުން އިންޑިޔާގެ ސިޔާސީ ލީޑަރުންގެ މެދުގައިވެސްވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. މިގޮތުން އިންޑިޔާގެ އިދިކޮޅު ކޮންގްރެސް ޕާޓީންވަނީ ޖަންމޫ ކަޝްމީރުގެ އާންމުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުންކުރާ ކަމުގެ ތުހުމަތު ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުގެ މައްޗަށް ކޮށްފައެވެ.
މިސަބަބުންތަކާ ގުޅިގެން އިންޑިޔާގެ ދާޚިލީ ވަޒީރު ރަޖްނަތު ސިންގް އާދީއްތަ ދުވަހު ވިދާޅުވީ ބަޑީގެ ބޭނުންނުކޮށް ކަޝްމީރުގެ ހަމަނުޖެހުންތައް ހުއްޓުވޭނެ، ގޮތެއް ހޯދަންޖެހިފައިވާކަމަށެވެ. ޖަންމޫ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިޔާ ކުށްވެރިކޮށް ޕާކިސްތާނުން ދަނީ މުޒާހަރާތައް ކުރަމުންނެވެ.