ޚަބަރު

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް: 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އަތުލައިގެންފައިވަނީ ޕްލާސްޓިކް ގަސް ޕޮޓުތަކެއްގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތެރޭގައިކަމަށެވެ.

ކަސްޓަމްސްއިން މިތަކެތި އަތުލައިގަތީ އެސަރވިސްއަށް ލިބުނު އިންޓަލިޖެންސް މަޢުލުމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިޔަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއްވިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ 33 ޕެކެޓެގައިހުރި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުގީގުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިތަކެތި ރާއްޖެ ގެނެސްފައިވަނީ ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައެވެ.

މިއޮޕަރޭޝަނާއި ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުންކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.