ޚަބަރު

ވުލްވްސްގެ ޑިފެންޑަރު ނޫރީ މެންޗެސްޓާ ސިޓީއަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ވުލްވްސްގެ ޑިފެންޑަރ ރަޔާން އައިޓް-ނޫރީ، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.

އަލްޖީރިއާއަށް އުފަން އުމުރުން 24 އަހަރުގެ ޑިފެންޑަރ މެންޗެސްޓަރ ސިޓީއަށް ބަދަލުވެފައިވަނީ 31 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއަކަށެވެ. އެހެންކަމުން މި މަހުގެ ފަހުކޮޅު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އޭނާއަށް ކުޅެވޭނެ އެވެ.

2021 ވަނަ އަހަރު އެންޖާސްއިން 14.9 މިލިއަން ޕައުންޑުގެ ފީއަކަށް ވުލްވްސް އާއި ގުޅުނު އައިތު ނޫރީ ވަނީ މި ސީޒަނުގައި ވުލްވްސްގެ ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ނޫރީ ވުލްވްސް ދޫކޮށް ސިޓީ އާއި ގުޅިފައިވާއިރު، އެ ޓީމުގެ ފޯވަޑް މެތިއުސް ކޫނިއާ ވަނީ 62.5 މިލިއަން ޕައުންޑުގެ ފީއަކަށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފަ އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް މެންޗެސްޓަރ ސިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު, އެ ޓީމުން ވަނީ އޭސީ މިލާނުގެ މިޑްފީލްޑަރު ތިޖާނީ ރޭންޑާސް ހޯދުމަށް 46.3 މިލިއަން ޕައުންޑުގެ ފީއަކަށް އެއްބަސްވެފަ އެވެ. މިއީ އެ ޓީމުގެ މެދުތެރެ ގިނަ އަހަރުތަކެން ވަންދެން ބެލެހެއްޓީ ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ނެތްތަން ފޫބެއްދުމަށް ހޯދާ ކުޅުންތެރިއެކެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފަރ ގައިވެސް 200 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް މެންޗެސްޓަރ ސިޓީން ވަނި ކުޅުންތެރިން ހޯދުމަށް ހޭދަކޮށްފަ އެވެ.