މިދިޔަ މެއި މަހުގެ 13ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ހަސްފަތާލަކަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢާތުގެ ހަތިޔާރު އެޅި ގޮފީގެ އިސް ކޮމާންޑަރެއް ކަމަށްވާ މުޙައްމަދު ސިންވާރުގެ ހަށިގަނޑު ހޯދާފައިވާ ކަމަށް ޔަހުދީން ބުނެފިއެވެ.
މުޙައްމަދު ސިންވާރަކީ ޙަމާސްގެ ކުރީގެ އިސްވެރިޔާ، ޔަޙްޔާ ސިންވާރުގެ ކޮއްކޯފުޅެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަޙްޔާ ސިންވާރު ޝަހީދުވުމުން އޭނާގެ މަސައްކަތްތަކާ ޙަވާލުވެވަޑައިގެންފައި ވަނީ މުޙައްމަދު ސިންވާރެވެ.
ޔަހޫދީންގެ އަސްކަރީ ފައުޖު، އައިޑީއެފުން ބުނީ މުޙައްމަދު ސިންވާރުގެ ހަށިގަނޑު ފެނިފައި ވަނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ޚާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހަސްފަތާލުގެ އަޑީގައިވާ ބިންގަރާހެއްގެ ތެރެއިން ކަމަށެވެ. ޙަމާސްގެ ރަފަޙް ބްރިގޭދުގެ އިސް ކޮމާންޑަރު ކަމަށްވާ މުޙައްމަދު ސަބާނީހު ވެސް ހަސްފަތާލަށް ދިން ޙަމަލާގައި ޝަހީދުވެފައިވާ ކަމަށް ޔަހޫދީން ބުނެއެވެ. މުޙައްމަދު ސިންވާރުގެ ހަށިގަނޑުގެ އިތުރުން އިތުރު ބައެއްގެ ހަށިތައް ވެސް އެ ސަރަޙައްދުން ފެނިފައިވާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ.
މުޙައްމަދު ސިންވާރު ޝަހީދުވެފައިވާ ޙަމާސުން މިހާތަނަށް ޔަޤީން ކޮށްދީފައެއް ނުވެއެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން، ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ އުދުވާނީ ޙަމަލާތަކުގައި ޔަހޫދީން ވަނީ ޙަމާސްގެ ގިނަ ޢަދަދެއްގެ އިސްވެރިން ޝަހީދު ކޮށްލައިފައެެވެ. އޭގެ ތެރޭގައި އެ ޖަމާޢަތުގެ ކުރީގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު ޟައިފު ވެސް ހިމެނެއެވެ. އޭގެ އިތުރުން ޙަމާސްގެ ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ ވެސް ވަނީ އީރާނުގައި ހުންނަވަނިކޮށް ދިން ޙަމަލާއެއްގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޝަހީދު ކޮށްލައިފައެވެ.