ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމުކަމެއް: ރައީސް


  • ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަނެގަތުން މުހިންމުކަން ފާހަގަކުރެއްވި

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމުކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ "ވޯލްޑް ފުޑް ސޭފްޓީ ޑޭ" ނުވަތަ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އަސަރުކުރާ ކޮންމެ ދުވަހެއްގެވެސް ދިރިއުޅުމާ ގުޅިފައިވާ މައްސަލައެއްކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އަދި މިއީ އާންމު ޞިއްޙަތާއި، އިޤްތިޞާދީ ހަމަޖެހުމާވެސް ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ "ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން" މިއެވެ. މި ޝިއާރަށް އިޝާރާތްކުރައްވާ ރައީސް ޑރ. މުޢިއްޒު ވަނީ މި ޝިޢާރުގެ ދަށުން ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް ސައިންޓިފިކް ދިސާރާތަކާއި، އެވިޑެންސް ބޭސްޓް މެތަޑްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަޅުގަނޑުމެން ކައި އުޅޭ ކާނާއަކީ ރައްކާތެރި، ހަށިގަނޑަށް ފައިދާހުރި އަދި އިތުބާރުކުރެވޭ ކާނާއަކަށް ހެދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާކަމަށެވެ.


ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު އދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރަކުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ނުރައްކާތެރި ކާނާގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.6 މިލިޔަން މީހުން ބަލިވެއެވެ. އަދި ސާފުތާހިރުކަން ކުޑަކޮށް ތައްޔާރުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކާއި ނުރައްކާތެރި ކާނާ ބޭނުންކުރުމުން 200 އަށްވުރެ ގިނަ ބާވަތުގެ ބަލިތައް ފެތުރުމުގެ ފުރުޞަތު އޮންނައިރު މީގެ ތެރޭގައި ބޭރަށް ހިންގުމުން ފެށިގެންގޮސް ކެންސަރުގެ އެކި ވައްތަރުތައްވެސް ހިމެނެއެވެ.

ހަމައެހެންމެ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ސަބަބުން އަހަރަކު 110 ބިލިޔަން އެމެރިކާ ޑޮލަރުގެ އިޤްތިޞާދީ ބުރައެއް ކުޑަ އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުން އުފުލަންޖެހޭކަމަށްވެސް ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.