ޚަބަރު

އިސްރާއީލް ޕާސްޕޯޓު މަނާކުރުން ޤައުމުތަކުން ބަލައިގަތް؛ އެކަމުން ގެއްލުމެއް ނުލިބޭ: ޚާރިޖީ ވަޒީރު


  • އިސްރާއީލް ޕާސްޕޯޓު މަނާކުރީ އެޕްރީލް 15 ވަނަ ދުވަހު

  • އިސްރާއީލް ޕާސްޕޯޓު މަނާކޮށްގެން ފަތުރުވެރިކަމަށް އަސަރެއް ނުކުރޭ

އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ގާތްގަނޑަކަށް ހުރިހާ ޤައުމަކުން ބަލައިގަނެފައިވާ ކަމަށާއި، އެކަމުގެ އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލް މިހެން ވިދާޅުވީ، ދިވެހި ޚާރިޖިއްޔާގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނެސް ތަސްދީޤު ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. ގިނަ މަޝްވަރާތަކަކަށް ފަހު ޤާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރަން ފަށާފައިވާއިރު ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވަނީ މިބަދަލަކީ ރައްޔިތުން އެދެމުން ދިޔަ ބަދަލެއްކަން ފާހަގަކުރައްވާފައެވެ.

"މިއީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކުން މީގެ ކުރިން ކޮށްފައި އޮތް ކަމެއް ނޫން. ބޮޑެތި އިޤްތިޞާދީ ގޮތުން ވަރުގަދަ ޤައުމުތަކުން އެބަހުރި މިކަހަލަ ކަންކަން ކޮށްފައި. ރާއްޖެ ފަދަ ކުޑަޤައުމަކުން މީގެ ކުރިން ކޮށްފައެއް ނެތް. މިއިން އަޅުގަނޑުމެންނަށް ދައްކައިދެނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން. އެމަނިކުފާނުގެ [ރައީސް]ގެ ހުރި އަޒުމް ވަރުގަދަކަން މީގެއިން ދައްކުވައިދެނީ" ވަޒީރު ޚަލީލް ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ފަލަސްޠީނު ރައްޔިތުންނާއި ދިވެހިންގެ އޮތީ ވަރަށް އަޚުވަންތަ ގުޅުމެއް ކަމަށެވެ. އެހެންކަމުން މިމައްސަލައަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ މައްސަލައަކަށްވުމުން މި ނިންމުމުގެ ތެރޭގައި ކުރެވުނު ޚާރިޖީ މަޝްވަރާތަކުގައިވެސް އިސްކަމެއް ދީނީ، ދިވެހިންގެ މަސްލަހަތު އިސްކުރުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެފަދަ އަސަރެއް ނުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަކީ ޚާރިޖީ ސިޔާސަތުގެ އެންމެ އިސްކަމެއް ދޭ ކަންތައް ކަމަށް ބަލައިގެން ގާތްގަނޑަކަށް އަޅުގަނޑުމެން މަޝްވަރާކުރި ހުރިހާ ޤައުމަކުންވެސް އަޅުގަނޑުމެންގެ ސްޓޭންޑް ޤަބޫލުކުރި. ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ، އޭގެ ސަބަބުން އެއްވެސް އަސަރެއް ނުކުރެވޭ. ފަތުރުވެރިކަން ކުރިއަރާ މިންވަރު އެހެންޏާވެސް ހުންނަ ގޮތަށް ހުރީ." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވާލައްވައިފައެވެ.