ޚަބަރު

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށް, ގިނަ ހަރަކާތްތަކެއް


  • ޢީދު ފާހަގަ ކުރުމަށް އެކުވެރިކަމުގެ ބަށި މެޗެއްވެސް ވަނީ ކުރިއަށް ގެންގޮސްފައި

  • ޢީދު ހަވީރާއި، ހަވާއެރުވުން މިއަދު އޮންނާނެ

އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި އަޟްޙާ ޢީދު ނަމާދު ކޮށްފިއެވެ. ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރީ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ، ސޯސަން ވިލާގައެވެ.

ޢީދު ނަމާދަށްފަހު މޯލްޑިވްސް ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކޮށްގެން ޢީދު ސައެއްވެސް ވަނީ ބާއްވާފައެވެ. މިސައިގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.

ޢީދު ފާހަގަ ކުރުމަށް އެކުވެރިކަމުގެ ބަށިމެޗެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެެ.

މީގެއިތުރުން ޢީދު ދުވަހާ ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ އާއިލާތަކަށް ޚާއްސަ ކޮށްގެން ބާއްވާ ޢީދު ހަވީރާއި، ހަވާއެރުވުން މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދާއި އަޟުހާ ޢީދާ ދިމާކޮށް ލަންކާގައި ދިރިއުޅޭ ދިވެހިން ގުޅިގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިހަރަކާތްތައް ކުރިއަށް ގެންދަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅިގެންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ޢީދު ފާހަގަކުރުމުގެ ހަރަކާތްތައްދަނީ ހިންގަމުންނެވެ. ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ އިތުރުން ސަރުކާރުން ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އިހުގެ ކުޅިވަރުތަކާއި ޘަޤާފަތް ދައްކާލުމަށް ހަމަޖެހިފައިވާއިރު ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމަވާފައިވާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައެވެ.