ޚަބަރު

ދިވެހި ފުޓްބޯޅައަށް އިހުއޮތް ޖޯޝާ ފޯރި އަލުން ގެނެވޭނެތަ؟


ފުޓްބޯޅައަކީ އެއް އިރެއްގައި ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ އެންމެ ގިނަބަޔަކު އެ ކުޅިވަރަކަށް ޝައުގުވެރިކަން ބެހެއްޓި ކުޅިވަރެވެ.

ރާއްޖޭގެ ކުދި ބޮޑު އެންމެން އެއްބައިވަންތަ ކުރުވި ކުޅިވަރެވެ. ޤައުމީ ޖޯޝުގައި ދިވެހިންގެ ލޭ ކައްކުވާލި ކުޅިވަރެކެވެ. ރާއްޖޭގެ ޤައުމީ ޓީމާއި، ކުލަބުތަކުން ގަލޮޅު ދަނޑަށް ނިކުންނައިރެއްގައި އެ ދަނޑުގެ ސިޑިބަރިންވެސް ފެންނާނީ ޓީމުތަކުގެ ޖޯސީގައި ތިބޭ ސަޕޯޓަރުންނެވެ.

ސަޕޯޓަރުންގެ އަޑު ފަށްގަނޑާއެކު މުޅި ގަލޮޅު ދަނޑު ސަރަހައްދު ގުގުމާލަނީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. އޭރުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި އޮންނަ ގާތްކަމާއި ލޯތްބެއްގެ ސަބަބުންނެވެ.

މިއަދުވެސް ފުޓްބޯޅަކީ ރާއްޖޭގެ އެންމެ މަގްބޫލު ކުޅިވަރެވެ. އެހެންނަމަވެސް އިހު އޮތް ފޯރިއާއި ޖޯޝެއް މިއަދަކު ފެންނާކަށް ނެތެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވާ ޒަމާނާ އެއްގޮތަށް ފުޓްބޯޅަ ކުރިއަގެންދާނެ ބަޔަކު ނެތީއެވެ. ފުޓްބޯޅަ އެސޯސިއޭޝަނުގެ ހިންގުން ދޯދިޔާވެ ފުޓްބޯޅައަށް ލިބެމުންދިޔަ ގެއްލުންތަކަށް ހައްލެއް ނުހޯދި ދިގުލައިގެން ދިޔައީއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރަށް ލޯބިކުރާ އެތައްބަޔަކު ފާހަގަކުރާގޮތުގައި އެފްއޭއެމަށް ދިމާވެފައިވަނީ އެސޯސިއޭޝަނަކަށް ދިމާވާނެ އެންމެ ހިތްދަތި ހާލަތެވެ. އަމިއްލަ ބާރާއި އިހްތިޔާރުގައި އެއްވެސް ކަމެއް ނުނިންމޭ ހިސާބަށް ގޮސް އެފްއޭއެމް ދެފަހަރެއްގެ މަތިން ނޯމަލައިޒްކޮށްފައިވާއިރު އެ އިދާރާ ހިންގުމުގައި ގިނަ ދަތިތަކެއް އެބަހުއްޓެވެ.

ފައިސާގެ ދަތިކަމާއި ހިންގާނެ އިމާރާތެއް ނެތުމުގެ ކަންބޮޑުވުންވެސް އެބައޮތެވެ. އަނެއްކޮޅުން ފުޓްބޯޅަ ކުޅެން ތިބި ކުލަބުތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ކުލަބުތައް މާލީގޮތުން އިނދަޖެހި ބައެއް ކުލަބުތަކަށް ހިންދަމާ ނުލެވޭވަރަށް ދަރަނިތައްވެސް ބޮޑުވީއެވެ.

އެހެންނަމަވެސް އަލުން ބުޓްބޯޅައިން ރާއްޖޭގެ ތާރީހު ބަދަލުކޮށްލަން އިހުގެ ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅައަށް ހިދުމަތްކުރާ އެތައް ބަޔަކު ބޭނުންވެއެވެ. ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުން ކުރާ ހިތްވަރާއި އެއްވަރަށް އެ ޓީމަށް ހިތްވަރުދޭނެ ބަޔަކުވެސް ބޭނުންވެއެވެ. ސަޕޯޓަރުންގެ ފޯރިއާއި ޖޯޝުން އަލުން އެ ކުޅުންތެރިންގެ ހިތްވަރުވެސް އާވެގެންދާނެއެވެ.

ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުން ފުޓްބޯޅަ އެސޯސިއޭޝަނާއި ކުލަބުތަކަށް އެހީތެރިވުމަށް އަބަދުވެސް އޮންނަނީ ތައްޔާރަށެވެ. ކުޅިވަރު ވަޒީރު އަބުދުﷲ ރާފިއު ފުޓްބޯޅަ ކުރިއެރުވުމަށް ދެއްވާ އިސްކަން ކުޅިވަރު އާއިލާއިން ފާހަގަކުރެއެވެ.

ދެން ފުޓްބޯޅައިގައި ރާއްޖެއަށް އުންމީދެއް ގެނެސްދޭން އޮތީ ރާއްޖޭގެ ޒުވާން ޓީމެވެ. 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން އެ ނެރޭ ޖޯޝާއި ހިތްވަރަކީ ކުރިޔަށް އޮތް ކައިރި މުސްތަގްބަލުގައި އަނެއްކާވެސް ރާއްޖެއަށް ރަން މެޑަލް އާއި އެކު ތައްޓެއް ގެނެސްދިނުން ގާތްކަމުގެ ހެއްކެއް ކަމަށް ފުޓްބޯޅައިގެ ތަޖްރިބާކާރުން ފާހަގަ ކުރެއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު ސެމީއާއި ހަމައަށް ގެންގޮސްދިނީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނާ ނުލައެވެ. އޯލެވެލް އިމްތިހާނާ ދިމާވުމުން ބައެއް ކުޅުންތެރިންނަށް އެ މުބާރާތަށް ނުދެވުނުނަމަވެސް 19 އަހަރުން ދަށުގެ ޓީމަކީ އުންމީދީ ޓީމެކެވެ.

ކުރިޔަށް އޮތްތަނުގައި ރާއްޖެއަށް ފުޓްބޯޅައިން ރަންވަނަތައް ގެނެސްދެވޭ ފެންވަރަށް ތައްޔާރުކުރަމުން އަންނަ ޓީމެކެވެ. ރާއްޖޭގައި ހުރި މަދު ވަސީލަތްތަކާއި، ޕްރޮފެޝަނެއްގެ ގޮތުގައި ހަމައެކަނި ފުޓްބޯޅަ ހިޔާރުކޮށްގެން އުޅެވެން ނެތްފަދަ މާހައުލެއްގައިވެސް ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިން ކުރާ ހިތްވަރަށް ސާބަސް ދޭންޖެހެއެވެ.

އެ ކުޅުންތެރިންނަށް ވާދަވެރި މުބާރާތްތަކެއްގައި ކުޅެން ލިބޭނަމަ ބޮޑުތަނުން ކުޅުންވެސް ރަނގަޅުވާނެކަން އެ ކުޅުންތެރިން އަންނަނީ ސާބިތުކޮށްދެމުންނެވެ. އެގޮތުން ނިމިގެން ދިޔަ އެފްއޭއެމް ލީގު ކަޕަކީ ކުލަބުތަކަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެކެވެ. ފުރަތަމަ ޑިވިޝަނުގެ 3 ޓީމާއެކު ދެވަނަ ޑިވިޝަނުގެ 2 ޓިމުން ވާދަކޮށް ކުޅުންތެރިންނަށް އަނެއްކާވެސް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިން އެ މުބާރާތަކީ އައު ފެށުމެއްކަމަށް ދެކޭ ކުޅުންތެރިންނާއި ކޯޗުން އަދި ސަޕޯޓަރުންވެސް އެބަތިއްބެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި 90 ޕްލަސް ގޯލްޑްކަޕަކީވެސް ފުޓްބޯޅައަށް އަލުން ދިރުން ގެނުވައިދީ ގަލޮޅު ދަނޑުން ސަޕޯޓަރުންގެ އަޑު އިއްވާލަދިން މުބާރާތެކެވެ. މިހާރު ފުޓްބޯޅައަށް ލޯބިކުރާ އެންމެންވެސް އުންމީދު ކުރަމުންދަނީ ރާއްޖޭގައި ވީހާވެސް އަވަހަށް ފުޓްބޯޅަ ސީޒަން ފެށުމަށެވެ. ކުލަބުތަކުގެ ސަޕޯޓަރުން އަލުން ދަނޑަށް ވަދެ އިހުގައި އޮތް ފޯރިއާ ޖޯޝުގައި އަނެއްކާވެސް މުބާރާތްތައް ކުޅުމަށް ކުލަބުތަކުގެ ކުޅުންތެރިންވެސް ތިބީ ކެތްމަދުވެފައެވެ.

އަލުން އެ ފޯރި ގެނެސް ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ލީގު ކަޕްފަދަ މުބާރާތްތައް ރާއްޖޭގައި އިންތިޒާމުކުރުން މުހިންމެވެ. އަދި ހަމައެކަނި މާލޭގައި ކުޅޭ ގޮތަށް އޮންނަ އޮތުމުގެ ބަދަލުގައި ބައެއް ތަޖްރިބާކާރުން ދެކޭގޮތުގައި ދެން ފުޓްބޯޅަ ކުރިއަރާދާނީ ރަށްރަށުގެ ބައިވެރިވުމާއެކު ހޯމް އެންޑް އަވޭ އުސޫލަށް ފޯމެޓް ބަދަލުކޮށްގެނެވެ.

ރާއްޖޭގެ އުތުރާއި ދެކުނުން ޓީމުތައް ގެނެސް ގަލޮޅުދަނޑުގައި ކުޅުނަސް އެ ފޯރި ގެނެދިވާނެކަމަށްވެސް ފުޓްބޯޅައިގެ ބައެއް ތަޖްރިބާކާރުން ދެކެވެ. ހަމައެކަނި މާލެއަށް ބަރޯސާވުމުގެ ބަދަލުގައި ރަށްރަށުގެ ބައިވެރިވުމާއި ނުލާ ދެން ފުޓްބޯޅަ ކުރިޔަށް ނުދާނެ ކަމަށް ޤަބޫލުކުރާ ބައެއް މީހުންވެސް އެބަތިއްބެވެ.

އަދި ފުޓްބޯޅަވިޔަސް އެހެން ކުޅިވަރެއްވިޔަސް ކުރިއެރުވޭނީ ގްރާސްރޫޓް ލެވެލުން ފެށިގެން ސަމާލުކަން ދެވިގެން ކަމަށާއި، ސީނިއާ ލެވެލަށް އަންނައިރު ކުޑައިރުންފެށިގެން ތަމްރީނުވަމުން އައި ކުޅުންތެރިންނަށް ކުރިއަރާނެ ފުރުސަތުތަކެއް ފަހިކޮށްދީގެން ކަމަށް ދެކޭ ފުޓްބޯޅައިގެ ހިދުމަތްތެރިންވެސް އެބަތިއްބެވެ.