އަޟުޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ރައީސްގެ ތަހުނިޔާގެ މެސެޖުގައިވަނީ މި އުފާވެރި މުނާސަބަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ޝުކުރުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމަށް ހިތްވަރު ލިބިގެންދާނެ ވަގުތެއް ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގެން، އިލާހީ ދަރުމަ ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.
އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، އިތުރު ފަހި ފުރުޞަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިޢުމަތް، މާތް الله މިންވަރުކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.