ޚަބަރު

ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުމަށް ގައުމީ ޓީމު އޮސްޓްރޭލިއާއަށް


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އޮސްޓްރޭލިއާއަށް ހިނގައްޖެއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޑާވިންގެ ޓެރެޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ.

ކޮލިފައިން މެޗު ކުޅުމަށް ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ގައުމީ ޓީމު އޮސްޓްރޭލިއާގެ ޑާވިންއަށް ދިޔައިރު، މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ ބުރާސްފަތި ދުވަހު ސިންގަޕޫރާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުން ސިންގަޕޫރު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އެކަމަކު އެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ ކޯޗު އަލީ ސުޒެއިން ވަނީ ޓިމޯ ލެސްޓޭ މެޗުގެ ކުރިން ކުޅުނު މެޗުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށާއި، ރާއްޖެއިން ފުޓްބޯޅައިގެ ބޭރުގައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސިންގަޕޫރު މެޗަކީ ޓީމަށް މުހިންމު މެޗެއް ކަމަށް ބުނެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅޭއިރު، ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. އަދި ޓިމޯ ލެސްޓޭ މެޗަށްފަހު ދެން އޮންނާނީ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަމިއްލަ ގައުމުގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 14 ގައި ބައްދަލުކުރާނީ ތަޖަކިސްތާނާއެވެ. އަދި ދެވަނަ މެޗުގައި ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ގައުމީ ޓީމުން ދެން ނުކުންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.