އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ޖާގައެއް 2-0 ގެ ނަތީޖާއަކުން އިރާގު ބަލިކުރުމަށްފަހު ސައުތު ކޮރެއާ އިން ހޯދައިފި އެވެ.
އިރާގުގެ ބަސަރާގައި ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި އިރާގުގެ އަލީ އަލް ހަމަދީ އަށް ދެއްކި ރަތް ކާޑާއިއެކު އެ ގައުމުން މެޗުގެ ބޮޑުބައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި މެޗުގައި ދެކުނު ކޮރެއާއިން ޖެހި ދެ ލަނޑު އެ ގައުމަށް ކާމިޔާބު ކޮށްދީފައިވަނީ ކިމް ޖިންގިޔޫ އާއި އޯ ހިއޫންޖިޔޫ އެވެ.
އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި އަންނަ އަހަރު ބޭއްވުމަށް ހަމެޖެހިފައިވާ ވޯލްޑްކަޕްގައި 48 ގައުމު ވާދަކުރާނެ އެވެ. މީގެ ކުރިން ވޯލްޑްކަޕްގައި ވާދަކުރަމުން އައިސްފައިވަނީ 32 ގައުމެވެ.
ވޯލްޑްކަޕްގައި ވާދަކުރާ 48 ގައުމުގެ ތެރެއިން 8 ޖާގަ އޭޝިޔާއަށް ދީފައިވާއިރު މިހާތަނަށް އޭޝިޔާގެ 5 ގައުމެއް ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފަ އެވެ. އެއީ ދެކުނު ކޮރެއާ އާއި އުޒްބެކިސްތާނާއި ޖޯޑަންގެ އިތުރުން ޖަޕާން އަދި އިރާން އެވެ.
އޭޝިޔާގެ އަށް ޖާގައިގެ އިތުރުން އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް އިން އޭޝިޔާގެ ޓީމަކަށް ކުރި ލިބިއްޖެނަމަ ކުރިއަށް އޮތް ވޯލްޑްކަޕްގައި އޭޝިޔާގެ ނުވަ ޓީމަށް ފުރުސަތު ލިބިގެންދާނެ އެވެ.
ކުރިއަށް އޮތް ވޯލްޑްކަޕަށް މިހާތަނަށް ޖުމްލަ 10 ގައުމެއް ކޮލިފައިވެފައިވާއިރު އޭޝިޔާގެ ފަސް ގައުމުގެ އިތުރުން ދެން ކޮލިފައިވެފައިވަނީ މުބާރާތް ބާއްވާ ތިން ގައުމު ކަމުގައިވާ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގެ އިތުރުން ނިއުޒިލޭންޑް އާއި އާޖެންޓީނާ އެވެ. މީގެ ތެރެއިން މުބާރާތް ބާއްވާ ތިން ގައުމު ކޮލިފައިވެފައިވަނީ ކޮލިފައިންގެ މެޗުތަކެއް ނުކުޅެ މުބާރާތް ބާއްވާ ގައުމުގެ ގޮތުގަ އެވެ.