ރަށްރަށުގެ މަލަމަތީގައި އިންދަން ހަމަޖެހިފައިވާ ހައިވަކަރު ގަސްތައް ބަހަން ފަށައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވި 5 މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ މަސައްކަތެއްކަމަށެވެ.
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ހައިވަކަރު ގަސްތައް ރާއްޖޭގެ އެކި ރިސޯޓުތަކުގައި އިންދުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ފައިދާތަކެއް ކުރާނެކަމަށެވެ. އަދި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ދިވެހިރާއްޖެއިން މަދުވެފައިވާ ގަހެއް ކަމުގައިވާ ހައިވަކަރު ގަސް އިންދުމަށް ޝައުޤުވެރިކަން ފާޅުކުރި ރިސޯޓުތަކަށް އެގަސްތައް ހަދިޔާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކު މިހާރުވަނީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައިކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން، މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށްދާކަމަށާއި، ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމަރކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއްކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާނެއެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތް ޕްރޮމޯޓު ކުރުމަށް ބެނަރއެއްވެސް ފޮނުވާފައިވާކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން، މ އަތޮޅާއި، ރ. އަތޮޅު އަދި ށ. އަތޮޅުގައި މިމަސްތެރޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ހައިވަކަރު ގަސް އިންދުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމަށް އެ ވުޒާރާއިން ޝުކުރުވެރިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ފަސް ލައްކައަށްްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.