ޚަބަރު

ފުރަތަމަ 19 ހަފްތާ: ދައުލަތުގެ އާމްދަނީ 16.5 ބިލިޔަން ރުފިޔާއަށް، މިއީ %7.6 އިތުރުވުމެއް


  • ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު %47.1 ވަނީ އިތުރުވެފަ

  • އާމްދަނީއާއި ހިލޭ އެހީގެ 41.6 އިންސައްތަ ދަޢުލަތަށް ވަނީ ލިބިފަ

މިއަހަރުގެ ފުރަތަމަ 19 ހަފްތާ ނިމުނުއިރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 16.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %7.6 އިތުރު އަދެދެކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 16.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ އާމްދަނީގެ ގޮތުގައި ލިބުނު 13 ބިލިޔަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.4 ބިލިޔަން ރުފިޔާއެވެ.

ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލައި ގުޅިގެން ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %14.8 ވަނީ އިތުރުވެފައެވެ.

ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %49.8 އިތުރުވެފައެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %8.3 އިތުރުވެފައިވާތީކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި އިތުރުވުމާއެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %5.2 އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް %47.1 އިތުރުވެފައިވެއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު %16.3 ދަށް ޢަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު %2.0 ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ %65.5 ދަށްވެފައެވެ.

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ %41.6 ، 29 މެއިގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ. އަދި މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ %31.1 އެވެ.