އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި 2 މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ 2 ޙަމަލާގައި މަރުވި މީހުންގެ ޢަދަދު 80 އަށް އަރައިފިއެވެ.
އަފްޣާންގެ އަމަނާބެހޭ މަސްއޫލުވެރިން ވިދާޅުވީ އަމިއްލައަށް މަރުވެގެން ބޮމުގެ އެ 2 ޙަމަލާ ދިނީ އެޤައުމުގެ ބައިމަދު ނަސްލެއް ކަމަށްވާ ހަޒާރާ ދަރިކޮޅުގެ މީހުން ކާބުލްގައި ކުރަމުންގެންދިޔަ މުޒާހަރާއަކަށް އަމާޒުކޮށްގެން ކަމަށާއި، އެހެންކަމުން އެޙަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ހަޒާރާ ދަރިކޮޅުގެ މީހުން ކަމަށެވެ. އެ 2 ޙަމަލާގައި ޒަޚަމްވި މީހުންގެ އަދަދުވެސް 230 އަށް އަރާކަމަށް ޚަބަރުތައް ބުނެއެވެ.
ހަޒާރާ ދަރިކޮޅުގެ މީހުން ކާބުލްގައި މުޒާހަރާކޮށްފައިވަނީ އިލެކްޓްރިކް ކޭބަލްއެއް އެޅުމުގެ މަޝްރޫޢަކާ ގުޅިގެންނެވެ. އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާއިން ބުނީ ހަޒާރާ ދަރިކޮޅުގެ މީހުންނަށް ދިން ޙަމަލާތަކުގައި 3 މީހަކު ބައިވެރިވެފައިވާކަން މިހާތަނަށް ކުރި ތަޙުގީގްތަކުން ހާމަވެފައިވާ ކަމަށެވެ. އަދި އެ 3 މީހުން އަމިއްލައަށް މަރުވެގެން ޙަމަލާތައް ދިނުމުގެ ކުރިން ހަޒާރާ ދަރިކޮޅުގެ މީހުންނަށް ބަޑިން ހަމަލާތަކެއް ދިންކަމަށްވެސް އަފްޣާންގެ ދާޚިލީ ވުޒާރާއިން ބުނެއެވެ. އަފްޣާނިސްތާނުގެ ބައިމަދު ހަޒާރާ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ.