ކުޅިވަރު

ސިފައިންނާއި ފުލުހުންނަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރެވޭނެ


ސިފައިންނާއި، ފުލުހުންނަށް ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިން ފުރުޞަތު ނުދޭން އެފްއޭއެމްގެ ކުރިގެ އެކްސްކޯއިން ނިންމާފައިވާ ނިންމުން މުރާޖާކޮށް، އެފުރުޞަތު އެދެ މުއައްސަޞާއަށްދޭން އާ އެކްސްކޯއިން ނިންމައިފިއެވެ.

އެކަން ހާމަކުރައްވައި އެއިދާރާގެ ޗެއަރމަން އަހުމަދު ތާރިޤް ( ޓޮމް ) ވިދާޅުވީ ފުރުޞަތު ދޭން ނިންމުމުގައި މައިގަނޑު ތިން ކަކަމަށް ވިސްނުން ބެހެއްޓެވިކަމަށެވެ. އެއީ ޤައުމީ ފުޓްބޯޅަ ޓީމަށް މޮޅު ކުޅުންތެރިން ހޯދުމާއި، ބޮޑަތި ޓީމްތަކަށް ޗެލެންޖްކުރުމުގެ ފުރުޞަތު ދިނުމާއި، މެނޭޖްމަންޓް ރަނގަޅުކުރުމަށް ހިތްވަރުދިނުމުގެ އިތުރުން ފުޓްބޯޅަ ފޯރިގަދަކުރުމަށް އެންމެން ބައިވެރިކުރުމެވެ.

ޓޮމް ޤަބޫލުކުރައްވާގޮތުގައި ސިފައިންނާއި ފުލުހުންނަށް ފުރުޞަތު ދިނުމަކީ ޤައުމީ ޓީމަށް މޮޅު ކުޅުންތެރިން ހޯދުމަށްވެސް ކުރެވޭ މަސައްކަތެކެވެ.

"އަޝްފާޤާއި ޖެހިގެން ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާވެސް ހުރެދާނެ ފުލުހުންގެ ތެރޭގައި ނުވަތަ ސިފައިންގެ ތެރޭގައިވެސް. އެކަން ފާހަގަކުރެވޭނީވެސް ފުރުޞަތު ދީގެން " ޓޮމް ވިދާޅުވިއެވެ.

ބޮޑަތި ގިނަ ކްލަބްތަކާއި ހިލާފަށް ސިފައިންނާއި ފުލުހުންނަކީ މެނޭޖްމަންޓް ރަނގަޅު ޓީމްތަކަށްވުމުން ބޮޑަތި ޓީމްތަކުގެ މެނޭޖްމަންޓް މިހާރަށްވުރެ ރަނގަޅުކުރުމަށް އެޅޭ ބާރަކަށްވެސް އެކަން ވުމުގެ ފުރުޞަތު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ތާރިޤް ވިދާޅުވިއެވެ.

" ބޮޑަތި ޓީމްތަކަށް ޗެލެންޖްއަކަށް ވެދާނެ. އެފަދަ ޓީމްތަކުގެ މެނޭޖްމަންޓް ހަރުދަނާ ކުރުމާއި، މާލީ ގޮތުން ހެޔޮގޮތްތައް ހޯދައިިދނުމަށް އެފްއޭއެމްއިނ އަންނަނީ ރާވަމުން " ޤައުމީ ޓީމްގެ ކުރީގެ ފޯވާޑް ވިދާޅުވިއެވެ.

މީގެއިތުރުން ޓޮމް ޤަބޫލުކުރައްވާ ގޮތުގައި ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި ގަދަކުރެވޭނީވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން، ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެންނެވެ. ސިފައިންނާއި ފުލުހުންނަށް ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިން ޖާގަ ދިންނަމަވެސް އެމީހުންވެސް ޓްރާންސްފަރ ޤަވާއިދަށް ތަބާވާން ޖެހެއެވެ.

" ފީފާ ޓްރާންސްފަރ ޤަވާއިދާ އެއްގޮތަށް އަމަލުކުރަން އިޤްރާރެއްގައި ސޮއިކުރަން ޖެހޭނެ. ސިފައިންގެ ކުޅުންތެރިންނަށް ކުޅެވޭނެ ވިކްޓްރީއަށްވެސް." ތާރިޤް ވިދާޅުވިއެވެ.

މީގެކުރިންވެސް ސިފައިންނާއި ފުލުހުންނަށް ފުރަތަަމަ ޑިވިޝަންގައި ވާދަކުރެވޭގޮތަށް އެފްއޭއެމްއިން ނިންމި ނަމަވެސް، ކުޅުމުގެ ފުރުޞަތު ލިބުމުގެ ކުރިން އެނިންމުންތައް ވަނީ ބާޠިލްކޮށްފައެވެ.