މިދިޔަ އޭޕްރިލް މަހާ އަޅާ ބަލާއިރު މެއި މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ދައްކަނީ އޭޕްރިލް މަހުގެ ބިލުގައި ޑިސްކައުންޓް ހިމަނާފައިވާތީ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ މެއި މަހުގެ ކަރަންޓު ބިލު އޭގެ ކުރީގެ 3 ކަރަންޓު ބިލާ އަޅާބަލާއިރު ބޮޑު ކަމަށްބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރުމާ ގުޅިގެން އެކަމުގެ ތަފްސީލް ހިއްސާކޮށް ކުރި ޕޯސްޓެއްގައެވެ
ސްޓެލްކޯއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަރަންޓުގެ ޓެރިފް ރޭޓުތައް އަގުހެޔޮ ކުރުމަށް ނިންމެވުމާ ގުޅިގެން އެ ނިންމެވުމާ އެއްގޮތަށް ހަދާފައިވާ މެއި މަހުގެ ކަރަންޓު ބިލުތައް އޭޕްރިލް މަހުގެ ބިލަށްވުރެ ބޮޑު ކަމަށް ދައްކަނީ އޭޕްރިލް މަހު ޑިސްކައުންޓް ލިބިފައިވާތީ ކަމަށެވެ. އަދި ޓެރިފް ރޭޓުތަކަށް އައި ބަދަލުތަކާއެކު ކަރަންޓު ބިލަށް އައި ބަދަލު ސާފުކޮށް ފެންނާނީ އެންމެފަހުން ގޭބިސީތަކަށް ފޮނުވި ތިން ބިލުގެ ކުރިން ގޭބިސީތަކަށް ފޮނުވާފައިވާ ބިލުތަކާ އަޅާ ކިޔުމުން ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.
މެއި މަހުގެ ކުރިން ފޮނުވާފައިވާ ތިން ބިލުގެ ތެރޭގައި ދެ ބިލަކީ ރަމަޟާން މަހާ ދިމާކޮށް، ސަރުކާރުން ދެއްވާފައިވާ ޑިސްކައުންޓް ހިމެނޭ ދެ ބިލެވެ. އަދި އަނެއް ބިލަކީ ކުރު މުއްދަތަކަށް ކޮށްފައިވާ ބިލެކެވެ. އެހެންވެ ޓެރިފުގެ ބަދަލާއެކު ކަރަންޓު ބިލުތަކަށް އައި ހަގީގީ ފަރަގު ފެންނާނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ބިލު ނުވަތަ މި އަހަރުގެ ޖެނުއަރީ މަހުގެ ބިލު އަޅާ ކިއުމުން ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ. އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު… pic.twitter.com/ujjgzhqRwC
— STELCO (@STELCOMALDIVES) June 3, 2025
ރައްޔިތުންގެ އޮތް ކަރަންޓު ބިލު ބޮޑުވުމުގެ ކަންބޮޑުވުމަށް ހައްލު ހޯދައިދެއްވުމަށް ޓެރިފް ރޭޓުތަކަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން އިއުލާން ކުރެއްވީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. އެގޮތުން، 1-100 އާ ދެމެދުގެ ބޭންޑުތައް 1.50 ރުފިޔާއިން 1.25 ރުފިޔާއަށް ވަނީ އަގުހެޔޮ ކުރައްވާފައެވެ. އަދި 101ން 400 އާ ދެމެދުގެ ބޭންޑުތަކުގެ އަގު 1.50 ރުފިޔާއަށް ކުޑަކުރައްވާފައިވާއިރު 401-500ގެ ބޭންޑުތައް 2.95 ރުފިޔާއިން 2.66 ރުފިޔާއަށް އަދި 501-600 ގެ ބޭންޑުތައް 3.55 ރުފިޔާއިން 3.20 ރުފިޔާއަށް ވަނީ ކުޑަކުރައްވާފައެވެ.
މީގެ އިތުރުން 600 އިން މަތީގެ ހުރިހާ ބޭންޑުތަކުގެ އަގު 4.25 ރުފިޔާއިން 3.83 ރުފިޔާއަށް ރައީސުލްޖުމްޙޫރިއްޔާ ވަނީ ކުޑަކުރައްވާފައެވެ.
ރައީސްގެ މި ނިންމެވުމާއެކު މިދިޔަ މެއި މަހުގެ ބިލުތައްވެސް އައު ޓެރިފް އަގުތަކުގައި ލިބޭނެ ކަމަށް ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުން ވަނީ ވިދާޅުވެފައެވެ.