ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް އެރިނާ ސަބަލެންކާ ހޯދައިފިއެވެ.
ފްރެންޗް އޯޕަންގެ އަންހެން އިވެންޓުގެ ސެމީ ފައިނަލުގެ ޖާގައެއް ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސަބަލެންކާ ހޯދާފައިވަނީ އޮލިމްޕިކް ޗެމްޕިއަން ޗައިނާގެ ޒެން ކިންވެން އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ޒެންގް އާއި ދެކޮޅަށް ސަބަލެންކާ މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު ސަބަލެންކާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ރޯމް މާސްޓަރސްގެ ސެމީ ފައިނަލުގައި މިދިޔަ މަހު އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ ހަތަރު ފަހަރު މަތިން މި މުބާރާތް ކާމިޔާބު ކޮށްފައިވާ އިގާ ސްވިއަޓެކް އެވެ. ޕޮލެންޑަށް އުފަން ސިވިއަޓެކް ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޔުކްރޭންގެ އެލީނާ ސްވިޓޮލީނާ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް އެކެއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ޑޯޕިން ޓެސްޓަކުން ފެއިލްވެ އެއް މަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސްފައިވާ ސިވިއަޓެކް މަސައްކަތް ކުރަމުންދަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ހޯދާ ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށެވެ.