ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެ ފަދަ ކުޑަ ޤައުމަކުން ހުއްޓާނުލާ ކުރާ މަސައްކަތުން ނަތީޖާ ފެނިގެންދާނެކަމަށް ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ މަލްޓިލެޓަރަލް، އެމްބެސެޑަރ އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ.
ޝިއާން ވިދާޅުވީ، ބައިނަލްއަޤުވާމީ މަސްރަޙަށް ބަލާއިރު ފަލަސްޠީނު މައްސަލައިގައި މިއަދު ބޮޑެތި ޤައުމުތަކުގެ ބަސްމަގު ބަދަލުވަމުންދާ މަންޒަރު ފެނިގެންދާކަމަށެވެ.
ފަލަސްޠީނު މައްސަލައިގައި ރާއްޖެ ފަދަ ކުޑަ ޤައުމަކުން ކުރާ ކަމަކުން ކަމެއް ބަދަލުވެދާނެތޯ ނުވަތަ އިސްރާއީލު ހުއްޓުވުމުގައި އެއްވެސް ދައުރެއް އަދާކުރެވިދާނެތޯ އެއީ ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ މަލްޓިލެޓަރަލް، އެމްބެސެޑަރ އަޙްމަދު ޝިއާން ވިދާޅުވީ، ރާއްޖެއަކީ ފަލަސްޠީނު މައްސަލައިގައި ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި އެންމެ ގިނަ ސްޓޭޓްމަންޓް ޤައުމެއްގެ ޙައިސިއްޔަތުން ނެރެފައިވާ އެއް ޤައުމުކަމަށެވެ. އަދި ޤައުމުތަކުން އެހެން ޤައުމުތަކުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ނެރޭ ސްޓޭޓްމަންޓަކީ ވަރުގަދަ އަދި އެއަށް ސަމާލުކަން ހުއްޓޭ އެއްޗެއްކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިކަމުގައި ރާއްޖެ ކުޑަނަމަވެސް ރާއްޖެއިން ކުރާކަންކަމުން މިމައްސަލައިގައިވެސް ބައިނަލްއަޤުވާމީ މައިދާނުގައި ބަދަލު އަންނާނެކަމަށް ޝިއާން ވިދާޅުވިއެވެ. ހަމައެއާއެކު ބައިނަލްއަޤުވާމީ އެކި ބައްދަލުވުންތަކުގައި ސީދާ މިމައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް އިވޭނެހެން ރާއްޖެއިން ބަސްބުނަމުންދާކަން ޝިއާން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން މިއަދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ވެރިންގެ ބަސްމަގު ބަދަލުވަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން އިސްރާއީލާއި މެދު ފިޔަވަޅު އެޅުމަށް ސީދާ ހުޅަނގުގެ ޤައުމުތަކުގެ ވެރިން ބުނަމުންދާކަމަށް ޝިއާންވަނީ ވިދާޅުވިފައެވެ.
"ވަރަށް ގިނަ މީހުން ސުވާލުކުރޭ ސްޓޭޓްމަންޓެއް ނެރެގެން ދެން ކޮން ކަމެއްތޯވާނީ. ކަމެއް ވާނެ. އެއީ އަޅުގަނޑުމެންގެ ޤައުމު ކުޑަނަމަވެސް އަޅުގަނޑުމެން ކެނޑިނޭޅި އެވާހަކަތައް ދައްކާކަމުގައިވާނަމަ އެއަޑު ފަނޑުވިޔަނުދީ އެވާހަކަތައް ކުރިއަށްގެންދިޔުމަށް މަގުފަހިވޭ. އެއީ މުހިއްމުކަމެއް." ޝިއާން ވިދާޅުވިއެވެ.
ޝިއާން ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި މިވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ތަފާތު މަސައްކަތްތަކެއް ރާއްޖެއިން ކޮށްފައިވާކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ.ގެ ކުދި ޖަޒީރާ ޤައުމުތައް ތަމްސީލުކުރައްވާ ތިމާވެށީގެ ދާއިރާއިން ބޭއްވި ބައްދަލުކުރެއްވުން ފެއްޓެވީ ފަލަސްޠީނު މައްސަލައިންކަން ފާހަގަކުރައްވާ ވިދާޅުވީ އެއީ ކޮންމެ ޕްލެޓްފޯމެއްގައިވެސް ރާއްޖެއިން ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ކުރާ މަސައްކަތް ދައްކުވައިދިން ކަމެއްކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށްވެސް މިކަމުގައި ބަސްބުނެވޭނެކަން ދައްކުވައިދިން ކަމެއްކަމަށް ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ ކޯޓު، އައިސީޖޭގައި ހިންގަމުންދާ 3 ޤާނޫނީ މައްސަލައިގައި ރާއްޖެއިން ޢަމަލީގޮތުން ބައިވެރިވަމުންދާކަންވެސް ޝިއާން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރާއްޖެއިންވަނީ އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކޮށްފައެވެ. ހަމައެއާއެކު ރާއްޖޭގެ މީޑިއާތަކާއި، ސޯޝަލް މީޑިއާގައާއި ރާއްޖޭގެ އެކި ރަށްރަށުގައި ފަލަސްޠީނު މައްސަލައިގައި އެކި ގޮތްގޮތުންދަނީ އަޑު އުފުލަމުންނެވެ.