ޚަބަރު

އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެ


  • ދިވެހިރާއްޖެއިން އިންތިޚާބު ކާމިޔާބު ކުރީ އޭޝިއާ ޕެސިފިކް ސަރަހައްދުން

  • ރާއްޖެއިން މަޤާމު ކާމިޔާބު ކޮށްފައިވަނީ އެއްވެސް ޚަރަދަކާއި ނުލައި

  • ދިވެހި ޚާރިޖިއްޔާގެ އޮފިސަރުންނަށް ގިނަ ތަޖުރިބާތަކެއް ލިބޭނެ

އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސް ކަމުގެ އިންތިޚާބީ ގޮނޑިއެއް ދިވެހިރާއްޖެއިން ކާމިޔާބު ކޮށްފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިޚާބު ކުރެއެވެ. އެއް އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ މިމަޤާމަށް، ދިވެހިރާއްޖެއިން ކުރިމަތިލީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މިމަޤާމުގެ އިންތިޚާބު ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ހޯމަ ދުވަހު ވަނީ ބާއްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ދިވެހިރާއްޖެއިންވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން ހޮވާ 5 ނައިބު ރައީސުންގެ ތެރެއިން އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.

ދިވެހިރާއްޖެއިން މި އިންތިޙާޚާބު ކާމިޔާބު ކުރުމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖެއިން ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އދ. މެންބަރު ޤައުމަކަށް ވިތާ މިއަހަރަށް 60 އަހަރު ފުރޭއިރު، ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ޤާއިމުކޮށްފައިވާ މިނިޒާމު ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އ.ދ. ގެ ޢާއްމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ސެޝަންގެ ބައްދަލުވުމެއްގައި ރައީސަށް ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި، ވަގުތީ ރައީސްގެ ހައިސިއްޔަތުން، ރައީސްގެ ޒިންމާތައް އަދާކުރުމެވެ. މީގެއިތުރުން އދ.ގައި ހިނގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތް ވެސް ނައިބު ރައީސުންނާ ހަވާލުކުރައްވައެވެ. އަދި ސަފީރުންނާއި ތަޖުރިބާކާރުންނާއެކު ބާއްވާ އދ.ގެ 'އިންފޯމަލް' ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތުވެސް ލިބެއެވެ. މިއަހަރު މި މަޤާމަށް ހޮވުނު ޤައުމުތަކުން މި މަސްއޫލިއްޔަތު އަދާކުރާ މުއްދަތަކީ 2025ގެ ސެޕްޓެމްބަރު މަހުން ފެށިގެން 2026ގެ ސެޕްޓެމްބަރުގެ ނިޔަލަށް 1 އަހަރު ދުވަހެވެ.

ރާއްޖެއިން މި މަޤާމުގެ އިންތިޚާބު ކާމިޔާބުކުރުމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މި ފުރުސަތު ލިބިގެންދިއުމަކީ، އދ.ގައި ރާއްޖޭގެ ހަރަކާތްތެރިވުން އިތުރުކުރެވި، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އިސް ދައުރެއް އަދާކުރެވިދާނެކަން ދެއްކޭނެ ގޮތެއް ކަމަށެވެ. އަދި މިފަދަ މަޤާމެއްގެ ސަބަބުން، ދިވެހި ޚާރިޖިއްޔާގައި މިމަސައްކަތުގައި އުޅޭ އޮފިސަރުންނަށް އަގުނުކުރެވޭފަދަ ތަޖުރިބާތައް ލިބިގެންދާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މިމަޤާމާއެކު އދ.ގެ "ޖެނެރަލް ކޮމިޓީ"ގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، އާންމު މަޖިލީހުގެ އެތެރޭގެ މަސައްކަތްތައް ރަނގަޅަށް ދެނެގަނެވި، އެހެން މެންބަރު ޤައުމުތަކާއެކު ގާތް ގުޅުމެއް އުފައްދައި، "ޖެނެރަލް ކޮމިޓީ"ގެ ނިންމުންތައް ބައްޓަން ކުރުމަށް ބާރުއެޅުމަށް ދިވެހިރާއްޖެއިން އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.

އަދި މިއިންތިޚާބު ދިވެހިރާއްޖެއިން ކާމިޔާބުކޮށްފައިވަނީ އެއްވެސް ޚަރަދަކާއި ނުލައި ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. މިއީ މި ސަރުކާރު ހަވާލުވުމަށް ފަހު ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ބޭއްވުނު އިންތިޚާބެއް ކާމިޔާބު ކުރިން ތިން ވަނަ ފަހަރުކަން ސަރުކާރުން ފާހަގަކުރެއެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުން ދިވެހިރާއްޖެ ހިމެނޭހެން 5 ނައިބު ރައީސުން އިންތިޚާބު ކޮށްފައިވެއެވެ. ރާއްޖޭގެ އިތުރުން ދެން މި މަޤާމަށް އިންތިޚާބު ވެފައިވަނީ ބަންގްލަދޭޝް، ލުބުނާން، ސަޢުދި އަރަބިޔާ އާއި، ޓިމޯރ-ލެސްޓްއެވެ.