ސައުދީ އަރަބިއްޔާގައި ބާއްވާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމުގެ ޗެފް ޑި މިޝަނަކަށް މުޙައްމަދު ޖައުޝަން ޝަރީފު (ޖައު) ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޖޫން 1-3 އަށް ރިޔާދުގައި ކުރިޔަށްގެންދާ އިސްލާމިކް ސޮލިޑާރިޓީީ ގޭމްސްގެ ޗެފް ޑި މިޝަން ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޖައުޝަން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ގޭމްސް އެކްޒެކެޓިވް މަރިޔަމް ޝައުފާ ބައިވެރިވެފައިވާ ކަމަށެވެ.
މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް އެސޯސިއޭޝަންގެ ފަރާތުންނެވެ. މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ އޮފިޝަލުން ވަނީ ރިޔާދުގައި މިއަހަރު ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްއަށް ވަމުން އަންނަ ތައްޔާރީތައް ރިވިއުކޮށްފައެވެ. އޭގެތެރޭގައި އެކި އެކި ކުޅީވަރު ބާއްވާ މައިދާންތަކާއި އެތުލީޓުންނަށް ދޭނެ ހިދުމަތްތަކާއި، ކުޅިވަރުތައް ކުރިޔަށްދާއިރު ކަންކަން ކުރިޔަށް ގެންދަން ރާވާފައިވާ ގޮތްތަކާއި ގުޅޭ މައުލޫމާތު ހިމެނެއެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 7-21 އަށެވެ. މި މުބާރާތުގައި
މެދުއިރުމަތި، އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ އެކި ޤައުމުތައް ހިމެނޭހެން ޖުމްލަ 57 ގައުމުގެ އެތުލީޓުން ވާދަކުރާނެއެވެ.
އެންމެ ފުރަތަމަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ބޭއްވީ 2005 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ މައްކާ، ޖިއްދާ އަދި ތޯއިފްގައެވެ.