ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެންފި


  • މިއީ ސައުދީ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ކުރާނީ ސައުދީ ސަރުކާރުން

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސައުދީއަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން، ސައުދީއަށް ވަޑައިގެންނެވުމުން މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ މަދީނާގެ ޑެޕިއުޓީ ގަވަރުނަރު އުބްދުލްމުޙަސިން ހަމީދެވެ. އެމަނިކުފާނުގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މާލީ ވަޒީރު މޫސާ ޒަމީރާއި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ވަޒީރުން ޙައްޖަށް ވަޑައިގަންނަވަނީ ސައުދީ ސަރުކާރުން ދެއްވި ހާއްސަ ދައުވަތެއްގައެވެ. މިއީ މީގެ ކުރީގެ ސަރުކާރުތަކަށްވެސް ސައުދީ ސަރުކާރުން ދެއްވާ ދައުވަތެއްކަން "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަފުުޅުދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.

ސައުދީން ޙައްޖުގެ ކަންކަން އެމަނިކުފާނަށް ހަމަޖައްސައިދެއްވާފައިގޮތް ހާމަކުރައްވައިި ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން އެ ދަތުރަށް ޚަރަދު ކުރައްވަން ނުޖެހޭނެ ކަމަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާ ވަޑައިގަންނަވާފައިވާއިރު، ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ދިވެހިންނަށް ވީހާވެސް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސެވުމަށް ސަރުކާރުންވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރެވުނު މަސައްކަތުން މައްކާ ރޫޓު އިނީޝިއޭޓިވްގައި ސަޢުދީން ވަނީ މިއަހަރު ރާއްޖެ ހިމަނާފައެވެ. އަދި ރާއްޖެއިން ހައްޖަށްދިޔަ އެންމެވެސް ދަތުރުކުރީ އެއިނީޝިއޭޓިވްގެ ތެރެއިން ހަމަޖެހުނު އިންތިޒާމުގެ ތެރެއިންނެވެ. މިއާއެކު ޖިއްދާ އެއަޕޯޓުގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި އެކަމުގައި ބޮޑު ލުއިކަމެއް ވަނީ ލިބިގެންގޮސްފައެވެ.

މިއަހަރަކީ އެހެން އަހަރުތަކާ ޚިލާފަށް ޙައްޖާޖީނަށް ބޮޑެތި ލުއިތަކެއް ހަމަޖައްސައިދެމުން އަންނަ އަހަރެއްކަން ފާހަގަކުރައްވަމުން ހައްޖު ކޯޕަރޭޝަނުން ވަނީ ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަމަށެވެ. މިގޮތުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް، ރާއްޖޭގެ ތާރީޚުގައި ޙައްޖުވެރިން ފުރަތަމަ ފަހަރަށް މައްކާއިން މަދީނާއަށް ހައި ސްޕީޑު ޓްރެއިންގައި ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.