ޚަބަރު

އިޕްސްވިޗްގެ ފޯވާޑް ލިއަމް ޑެލަޕް ޗެލްސީއަށް


އިނގިރޭސި ޕްރިމިއަރ ލީގުން ރެލިގޭޓުވެފައިވާ އިޕްސްވިޗް ޓައުންގެ ފޯވާޑް ލިއަމް ޑެލަޕް ޗެލްސީއަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ލިއަމް ޑެލަޕް އިޕްސްވިޗް ޓައުން އާއި ގުޅިފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ސިޓީންނެވެ. އަދި އޭނާ އާއިއެކު އިޕްސްވިޗްއިން ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން އެ ކްލަބް ރެލިގޭޓް ވެއްޖެނަމަ 30 މިލިއަން ޕައުންޑްގެ ފީއަކަށް އޭނާއަށް ކްލަބް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި އެވަޓަން އަދި ނިއުކާސަލް ޔުނައިޓެޑްގެ އިތުރުން ނޮޓިންހަމް ފޮރެސްޓް އިންވެސް ވަނީ ލިއަމް ޑެލަޕްގެ ސޮއި ހޯދަން މަސައްކަތް ކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ ޑެލަޕް ވަނީ މި ސީޒަނުގައި އިޕްސްވިޗްއަށް ކުޅެދިން 32 މެޗުގައި 12 ލަނޑު ޖަހާފަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޑެލަޕް ވަނީ ޗެލްސީ ކޯޗު އެންޒޯ މަރެސްކާ އާއި ވާހަކަ ދެއްކުމަށްފަހު ދެ ފަރާތުގެ ދެމެދުގައި މުސާރަ އާއި އަދި އެހެނިހެން ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި އެ ކްލަބުގެ މެޑިކަލް ވަރަށް އަވަހަށް ހަދާނެކަމަށްވެސް ވަނީ ރިޕޯޓްތައް ބުނެފަ އެވެ.

ޗެލްސީގައި ރަނގަޅު ފޯވަޑެއް ނެތް މައްސަލަ ބޮޑު ވެފައިވާއިރު އެ ޓީމުގައި މިހާރު ތިބި ފޯވަޑުންގެ ތެރެއިން ކްރިސްޓޮފާ އެންކުންކޫ އެ ކްލަބް ދޫކޮށްލާނެކަމަށް ވަނީ ބެލެވިފަ އެވެ.