ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ތިލަދުންމަތީ ތިންވަނަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ގިނަ ވަނަތަކެއް ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ.
މިމުބާރާތުގެ ޖޫނިއަރ ކެޓަގަރީ އޭގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ މަގާމު ހޯދީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަޙްމަދު އަލްޔާން ބިން ޢަބްދުﷲ އެވެ. އޭނާ ވަނީ 105 ޕޮއިންޓް ހޯދާފައެވެ. ޖޫނިއަރ ކެޓަގަރީ އޭގެ އެންމެ މޮޅު އަންހެން ފެތުތެރިޔާގެ މަގާމު ހޯދީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާތުމަތު ސުމޫހު މުނައްވަރެވެ. އޭނާ އެ ކެޓެގަރީގެ އެއްވަނަ ހޯދީ 60 ޕޮއިންޓް ހޯދައިގެންނެވެ.
ޖޫނިއަރ ކެޓަގަރީ ބީގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވުނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މިހުދާދު އަބުދުލްމަންނާނެވެ. އޭނާ މި ކެޓަގަރީގެ އެއްވަނ ހޯދީ 105 ޕޮއިންޓް ހޯދައިގެންނެވެ. ޖޫނިއަރ ކެޓަގަރީ ބީގެ އެންމެ މޮޅު އަންހެން ފެތުންތެރިއަކީ ށ. އަތޮޅު މަދަރުސާގެ މަރިޔަމް މީރާ އަޒްމީރެވެ. އޭނާ އެއްވަނަ ހޯދީ 45 ޕޮއިންޓް ހޯދައިގެންނެވެ. ސީނިއަރ ކެޓަގަރީ އޭގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވުނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަލީ ސާއީ ސައުދުﷲ އެވެ.
ޖޫނިއަރ ކެޓަގަރީ އޭގެ ފިރިހެން ފެތުންތެރިންގެ އިވެންޓުން އެންމެ މޮޅު ސުކޫލަކަށް ހޮވުނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. ދެވަނަ ނައިވަދޫ ސުކޫލުން ހޯދި އިރު ތިންވަނަ ގެންދިޔައީ ށ. ޅައިމަގު ސުކޫލުންނެވެ. މި ކެޓަގަރީގެ އެންމެ މޮޅު އަންހެން ފެތުންތެރިންގެ އިވެންޓުންވެސް އެއްވަނަ ގެންދިޔައީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ދެވަނައަށް އަފީފުއްދީން ސުކޫލް ހޮވުނުއިރު ތިންވަނަ ހޯދީ މަކުނުދޫ ސުކޫލުންނެވެ.
ޖޫނިއަރ ބީ ކެޓަގަރީގެ ފިރިހެން އިވެންޓުން އެއްވަނަ ސްކޫލަކަށް ހޮވުނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. ދެވަނަ ގެންދިޔައީ ނައިވާދޫ ސުކޫލުންނެވެ. ތިންވަނަ ހޯދީ ހަނިމާދޫ ސުކޫލުންނެވެ. މި ކެޓަގަރީގެ އަންހެން އިވެންޓުން އެންމެ މޮޅު ސުކޫލަކަށް ހޮވުނީ ށ. އަތޮޅު އަތޮޅު މަދަރުސާއެވެ. ދެވަނަ ގެންދިޔައީ އަފީފުއްދީން ސުކޫލެވެ. ތިންވަނަ ހޯދީ ށ. ފުނަދޫ ސުކޫލުންނެވެ.
ސީނިއަރ ކެޓަގަރީ އޭގެ ފިރިހެން ފެތުންތެރިންގެ އިވެންޓުން އެންމެ މޮޅު ސުކޫލަކަށް ހޮވުނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. ދެވަނައަށް ޖަލާލުއްދީން ސުކޫލު ދިޔައިރު ތިންވަނައަށް ދިޔައީ ހދ. ހަނިމާދޫ ސްކޫލެވެ. ޖޫނިއަރ ކެޓަގަރީ އާއި ސީނިއަރ ކެޓަގަރީންވެސް އެންމެ މޮޅު ސުކޫލުގެ އެވޯޑް ހޯދީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.
14 އަހަރުން ދަށާ، 16 އަހަރުން ދަށާ، 18 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ ޢުމުރުފުރާތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ތިލަދުންމަތީ އުތުރުބުރިއާއި، ތިލަދުންމަތީ ދެކުނުބުރި އާއި މިލަދުންމަޑުލު އުތުރުބުރީގެ ސްކޫލުތަކަށް އަމާޒުކޮށްގެން މިމުބާރާތް ބާއްވައިފައިވަނީ މެއިމަހުގެ 24 ން 28 ށް ކުޅުދުއްފުށި ސިޓީގައެވެ.
އެކު ޖުމުލަ 16 ސްކޫލަކުން 308 ދަރިވަރުން ވާދަކޮށް، 1280 އިވެންޓު ފުރިހަމަކުރި މިމުބާރާތުގެ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ތަށި ދިނުމާ ސްކޫލުތަކަށް ތަށި ދިނުމަށް ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މިރަސްމިއްޔާތުގައި ސްވިމިންގ އެސޯސިއޭޝަން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު އާއި، ކުޅުދުއްފުށީ މޭޔަރާއި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު އަދި ދެކުނު ދާއިރާގެ މަޖިލީސް މެންބަރުންނާ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ކައުންސިލަރުން ބައިވެރިވެލެއްވިއެވެ.