ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިޓަލީގެ އިންޓަރ މިލާނަށް ރީނދޫ ޖާޒީގައި ކުޅެން ޖެހިއްޖެއެވެ.
އާއްމުކޮށް ކަޅާއި ނޫ ކުލައިގައި ކުޅޭ ޓީމުގެ ރީނދޫ ޖާޒީއަކީ ތިންވަނަ ޖާޒީ އެވެ. ކަޅާއި ނުލުގައި ނުކުޅެވޭނަމަ އާއްމުކޮށް އިންޓަ ކުޅެމުންދަނީ ހުދު ޖާޒީގަ އެވެ. ނަމަވެސް އިންޓަރ މިލާނަށް އެ ޓީމުގެ ދެވަނަ ޖާޒީ ކަމަށްވާ ހުދު ޖާޒީގައި ކުޅުމުގެ ހުއްދަ ނުދޭން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ. ސަބަބަކީ ނޫ ޖާޒީގަ އާއި ސޯޓުގައި ނޫލަ ކޮންމެވެސް ވަރަކަށް ހިމެނޭތީ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ހޯމް ޓީމަކަށްވީ ފްރާންސްގެ ޕީއެސްޖީއެވެ. މިހެންވެ އެ ޓީމުން ކުޅޭނީ އެމީހުންގެ ރަސްމީ ޖާޒީ ކަމަށްވާ ނުލާއި ރަތުގައެވެ. އިންޓަރއަށް އެ މީހުންގެ ރަސްމީ ޖާޒީގައި ނުކުޅެވީ ޕީއެސްޖީގެ ޖާޒީގެ ކުލައަކީވެސް ނޫ ކުލައަށް ވުމުން ދެ ޓީމުގެ ކުލަ އެއްގޮތްވާތީއެވެ.
އިންޓަރ މިލާން ވަނީ މިހާތަނަށް ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފައިނަލުގައި ހަ ފަހަރު ވާދަކޮށްފަ އެވެ. މީގެ ތެރެއިން ތަށި ހޯދީ ދެ ފަހަރު އެވެ. މިއިން އެއްވެސް ފަހަރެއްގައި އެމީހުން ރީނދޫ ޖާޒީގައި ކުޅެފައިނުވެ އެވެ. ނަމަވެސް މި ފަހަރު ފައިނަލުގައި އަލަށް ރީނދޫ ޖާޒީ ބޭނުންކުރަން ޖެހުމުން އިންޓައިން ވިސްނަނީ މިކަމާމެދު ޕޮޒިޓިވްކޮށެވެ. އެއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އެމީހުން ކުޅުނު މެޗުތަކުގެ ތެރެއިން ރީނދޫ ޖާޒީގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާތީ އެވެ.
ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.