ޚަބަރު

ޕީއެސްއެމްގެ ރަންމުތް މަދަހަ މުބާރާތުގެ 1 ވަނަ އިޙްތިސާމަށް


  • މުޅި މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ ޢާލާ ބިންތު ޢަލީ ޙަސަން

  • މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ، މުޝާތު މުޝްތާޤު

ޕީއެސްއެމުން މިއަހަރު ކުރިއަށް ގެންދިޔަ ރަންމުތް މަދަހަ މުބާރާތުގެ އެއްވަނަ އިހްތިސާމު އިބްރާހީމް ހޯދައިފިއެވެ.

ރަންމުތް މަދަހަ މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި މަދަހަ ކިޔުމުގެ މުބާރާތުން ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ، ތިންވަނަ އަދި މުޅި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނައަށް ހޮވުނު ކުދިންނަށް ހަނދާނީ ލިއުމާއި ޓްރޮފީ ވަނީ ޙަވާލުކޮށްފައެވެ.

ރަންމުތް މަދަހަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ ޅ. ނައިފަރު ލޯޑްވިލްމާގެ، އިހްތިސާމު އިބްރާހީމެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެއްވަނަ ހޯދުމުގެ އިތުރުން
17 އަހަރުން މަތީގެ ޢުމުރުފުރާއިންވެސް 1 ވަނަ ހޯދާފައެވެ. އެއްވަނަ ލިބުނު އިހްތިސާމު އިބްރާހީމަށް ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ ޙަވާލުކޮށްފައެވެ.

މުބާރާތުގެ ދެވަނައަށް ހޮވިފައިވަނީ ގއ. ވިލިނގިލި ހުވަދުމާގެ، ޢާލާ ބިންތު ޢަލީ ޙަސަނެވެ. މުބާރާތުގެ ދެވަނައިގެ އިތުރުން 17 އަހަރުން ދަށުގެ ޢުމުރުފުރާއިން އޭނާވަނީ 1 ވަނަ ހޯދާފައެވެ.

މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ، 17 އަހަރުން މަޓިގެ ޢުމުރުފުރާއިން 2 ވަނަ ހޯދައިފައިވާ ގދ.ތިނަދޫ ޗާންދު، މުޝާތު މުޝްތާޤެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ މަދަހަ މުބާރާތެެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަލުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

"މަދަހަ އިޚްތިޔާރުކުރާ އިރުގައްޔާއި މަދަހަ ފަރިތަކުރާއިރު މަދަހައިގެ ފަހަތުގަ އޮންނަ މާނަޔަށް މަދަހަ ގުޅިފައިވާ ހާދިސާގަ ބުނެދޭ ވާހަކައަށް ދަރިވަރު ހޭލުންތެރިކުރުވުން، އަދި އެކަން ދަރިވަރުގެ ހިތައް ވައްދާދިނުން، އެމާނައާއެކީގައި ކީމަ ހަޤީޤަތުގަ އެ އިހުސާސްވެސް އިތުރުވެގެން އަންނާނެ" ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.

ޕީއެސްއެމްގެ މިއަހަރުގެ ރަންމުތް މަދަހަ މުބާރާތަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔައެވެ. އެގޮތުން ވަރަށް ގިނަ ކުދިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު، އުއްމީދުކުރި ފެންވަރަށް ޕްރޮގްރާމުގެ ކަންކަން ކުރިއަށް ގެންދެވުނު ކަމަށް ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނަސްރީން ފާހަގަކުރެއްވިއެވެ.