ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ބޭރު ޤައުމުތަކަށް އެކްސްޕޯޓް ކުރުމަށް ހުރި ދަތިތައް ދެނެގަތުމަށް ދިރާސާތަކެއްހެދުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ޔޫއެންޑީޕީ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް އެކްސްޕޯޓު ކުރުމުގައި އެކި ދާއިރާތަކުން ހުރި ދަތިތައް ދެނެގަތުމަށް މަަސައްކަތް ކުރާނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ޔޫއެންޑީޕީ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި، އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުހައްމަދު ސަޢީދެވެ. ޔޫއެންޑީޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ ގަވޭލިއާއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓުގައި ހަރަކާތްތެރިވުމަށް، މިހާރު ދިމާވާ ދަތިތައް ދެނެގަންނާނެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓު ކުރުމުގައި މިހާރު ރެގިއުލޭޓަރީ ކަންކަމާއި އެކްސްޕޯޓު މަރުހަލާގައި ހޯދަންޖެހޭ ހުއްދަތަކާއި ސެޓިފިކޭޝަން މިންގަނޑުތަކަށް ވާސިލްވުމުގަޔާއި، ރަޖިސްޓްރީ ކުރުމުގެ މަރުހަލާތަކުގައި ގޮންހުންތަކެއް އެބަހުރި ކަމަށެވެ. މީގެ ސަބަބުން ބައިނައަޤްވާމި ވެލިއުޗެއިންގައި ރާއްޖޭގެ ވިޔަފާރިތަކަށް ފުރުސަތު ނުލިބޭކަން އިޤްތިޞާދާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. .
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކޮށް 2030ގެ ކުރިން ރާއްޖޭގެ މުޅި އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީކަމަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. މިކަން ކުރުމަށް ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓު ކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުތަކެއް ހުރިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ގިނަ އަދަދަކަށް މަސް ނުވަތަ ސީފުޑް ބާވަތްތައް އެކްސްޕޯޓް މިކުރަނީ. އޭގެ އިތުރަށް އެކްސްޕޯޓަބަލް ނުވަތަ މާކެޓަށް ނެރެވިދާނޭ ބާވަތްތައް އެބަހުރި ޝައްކެއްވެސް ނެތް. އެހެން ނަމަވެސް އެކަން ކުރުމަށް ހުރަސްތަކެއް އެބަހުރި، އެހެންވީމަ މި ޕްރޮގްރާމުގެ ތެރެއިން އެ ޗެލެންޖެސްތައް އައިޑެންޓިފައިވެ އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެން ދާނެ. އެހެންވީމަ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތައް ބާރު ލިބޭގޮތަށް ޔޫއެންޑީޕީން މި ފެއްޓެވި އިނީޝިއޭޓިވްއަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން." ވަޒީރު ސައީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރިކޯ ގަވޭލިއާ ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ބަލައި އެހީތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެޖަމިއްޔާ އަދި އދ. ގެ އެހެނިހެން ގުނަވަންތައް މެދުވެރިކޮށް މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި އިޤްތިޞާދު ސިންދަފާތު ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.