ޚަބަރު

މާދަމާއަކީ ޙައްޖުމަހުގެ ފުރަތަމަ ދުވަސް؛ ޙައްޖު ދުވަހަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް


  • ޙައްޖު ދުވަހަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަސް

  • ޢީދުދުވަހަކީ ޖޫންމަހުގެ 6 ވަނަ ދުވަސް

މާދަމާއަކީ ޙައްޖުމަހުގެ ފުރަތަމަ ދުވަސްކަމަށާއި ޙައްޖު ދުވަހަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަސްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައުދީ އަރަބިއްޔާއަށް މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަސް ކަމަށެވެ. އެހެން ކަމުން، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ 1446 ވަނަ އަހަރުގެ ޙައްޖު ދުވަސް ޢަރަފާތު ދުވަސް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ދިވެހި ކަލަންޑަރުގައިވާ ގޮތުންވެސް އަންނަ ބުރާސްފަތި ދުވަހަކީ ޙައްޖުދުވަހެވެ. އެހެން ކަމުން މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ އަންނަ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހެވެ.

މިއަހަރުގެ ޙައްޖު މޫސުމަށް ގިނަ ތައްޔާރީތަކެއް ސައުދި އަރަބީއްޔާއިން ވެފައިވާއިރު، ހޯމަ ދުވަހާއި ހަމައަށް އެ ޤައުމަށް މިލިއަނަކަށްވުރެ ގިނަ ހާއްޖާޖީން އެތެރެވެފައިވާ ކަމަށް ސައުދީ އަރަބީއްޔާއިން ވަނީ ހާމަކޮށްފައެވެ. އަދި މިހާރުވެސް ޙައްޖަށް ގިނަ މީހުން އެޤައުމަށް ދިއުމަށް ދަތުރުފަށާފައިވާއިރު، މިއަހަރު ދިވެހި ރާއްޖެއިންވެސް 1000 މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދެއެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް ދިވެހި ހައްޖާޖީންނަށް ވަނީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ކުރުން ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މި އަޅުކަމަކީ ވަކި ހަސަބެއް ނަސަބެއް ނުވަތަ ނަސްލެއް އިސްތިސްނާނުވެ ﷲގެ ހަޟްރަތުގައި އެކަލާނގެ އަޅުތަކުންގެ ހަމަހަމަކަން ދައްކުވައިދޭ އެންމެ ފުރިހަމަ މިސާލެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން އެއްތަނަކުން ބައްދަލުވެ އިސްލާމީ އުއްމަތުގެ އުޚުއްވަތްތެރިކަން ދައްކުވައިދޭ އެންމެ ބޮޑު ޖަމާޢަތްވެސްމެއެވެ.

މިއަހަރު ޙައްޖު މަސް ދިމާވަނީ ކުރިއަށް އޮތް 16 އަހަރުގެ ތެރޭގައި މައްކާގެ ހޫނު މޫސުން އަންނަ ފަހު ޙައްޖު މަހާކަމަށް ސައުދީ އަރަބިއްޔާގެ މޫސުމާބެހޭ އިދާރާ، ނޭޝަނަލް ސެންޓަރ ފޯރ މިޓިރިއޮލެޖީ (އެން.ސީ.އެމް) އިން ވަނީ ހާމަކޮށްފައެވެ. މި އަހަރުގެ ޙައްޖަކީ އަންނަން އޮތް 16 އަހަރުގެ ތެރޭގައި ހޫނުމޫސުމުގައި ޙައްޖުގެ އަޅުކަން އަދާކުރާނެ ފަހު ހޫނު މޫސުމެވެ. ކުރިއަށް އޮތް 16 އަހަރަށް ބަލާއިރު ފަހު ހޫނުމޫސުމަށް ހައްޖާޖީން ތައްޔާރުވުމަށް ސައުދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއިބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.