ކުޅިވަރު

މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އެއްވަނަ ރާއްޖެއަށް!


މި މަހުގެ 24 އިން 25 އަށް ސްރީ ލަންކާގައި ކުރިއަށްދިޔަ 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި އެއްވަނަ ރާއްޖޭން ހޯދައިފިއެވެ.

ފަސް ގައުމަކުން 700 އެތުލީޓުން ވާދަކުރި މި މުބާރާތުގެ އެއްވަނަ ރާއްޖޭގެ ޓީމަށް ލިބިފައިވަނީ މުޅި ޓީމުގެ ޕާރފޯމަންސަށް ބެލުމަށްފަހު އެންމެ މަތިން ޕޮއިންޓު ހޯދާފައިވާތީއެވެ.

ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖޭގެ މާސްޓަރސް އެތުލެޓިކްސް ކުލަބުގެ 6 އެތުލީޓަކު ރާއްޖެ ތަމްސީލުކޮށް ވަނަތަކެއް ހޯދާފައިވެއެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމުން ހޯދާފައިވާ ކާމިޔާބީތަކަކީ:

  • އެނުއަލް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ޓީމު: ދިވެހިރާއްޖެ
  • އަލީ ޝަރީފް: 100 މީޓަރު ހީޓުން ރަން މެޑަލް
  • ނާފިޒާ އަޙްމަދު: 1500 މީޓަރު ހީޓުން ރަން މެޑަލް
  • މުޙައްމަދު އާމިރު: 200 މީޓަރު ހީޓުން ރިހި މެޑަލް
  • ނާފިޒާ އަޙްމަދު: 300 މީޓަރު ހާރޑްލްސް އިން ބްރޯންޒު މެޑަލް

މިއީ މިފަދަ މުބާރާތެއްގައި ރާއްޖޭގެ ޓީމުން ވާދަކުރި ފުރަތަމަ ފަހަރެވެ. މާސްޓާސް އެތުލެޓިކްސް ކުލަބުން ބުނީ އެކުލަބުން މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ މުބާރާތްތައް ޤައުމީ ފެންވަރުގައި އިންތިޒާމުކޮށް، އެތުލީޓުން އުފައްދާ އެފަރާތްތަކަށް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕު ބާއްވާފައިވަނީ ކޮލޮމްބޯގެ ސުގަތަދަސާ ސްޓޭޑިއަމްގައެވެ. ރާއްޖޭގެ ޓީމުން ހޯދި ފަޚުރުވެރި މިކާމިޔާބީތަކާއެކު، އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ގައެވެ.