ޚަބަރު

ލަންކާގައި ބޭއްވި މާސްޓަރސް އެތުލެޓިކްސް މުބާރާތުގެ ވަނައެއް ރާއްޖޭގެ އާމިރަށް


ސްރީ ލަންކާގައި ކުރިއަށްގެންދިޔަ 11 ވަނަ މާސްޓަރސް ޗެމްޕިއަންޝިފުގެ 55 އަހަރުން މަތީގެ ފިރިހެން ކެޓެގަރީގައި ބައިވެރިވެ، 200 މީޓަރު ރޭސް ނިންމައިގެން ރާއްޖޭގެ މުޙައްމަދު އާމިރު ދެވަނަ ހޯދައިފިއެވެ.

އާމިރު މި މުބާރާތުގެ ރިހިމެޑަލް ހާސިލްކޮށްފައިވަނީ 27.40 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ މާސްޓަރސް އެތުލެޓިކްސް ސްރީލަންކާއާއި ވޯލްޑް މާސްޓަރސް އެތުލެޓީކްސް އޭޝިއަން މާސްޓރސް އެތުލެޓީކްސް އަދި ސްރީލަންކަން އެތުލެޓިކްސް ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މެއި މަހުގެ 24-25 ގެ ނިޔަލަށް ކޮލަމްބޯ ސުގަތަދަސާ ސްޓޭޑިއަމްގައެވެ. ކޮންމެ އަހަރަކު ބާއްވާ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބޭ އިރު އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުން އެތުލެޓިކްސް ދާއިރާގެ ދުވަސްވީ ތަޖުރިބާކާރުން މި މުބާރާތުގައި ބައިވެރިވެއެވެ.

ރާއްޖޭގެ މާސްޓަރސް އެތުލެޓިކްސް ކުލަބުން މުޅިން އަލަށް ބައިވެރިވި މި މުބާރާތުގައި ޖުމްލަ ފަސް ގައުމަކުން 700 އެތުލީޓުން ވާދަކުރިއެވެ.