ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ލީގު ކަޕް 2025 ގެ ސެމީ ފައިނަލްގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތް މެޗަކީ އުނދަގޫ މެޗެއް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭސް ބުނެފިއެވެ.
އާދީއްތަ ދުވަހުގެ ހަވީރު ޓީސީއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި މާޒިޔާގެ ކޯޗު ބުނީ އެ މެޗުގައި ގޯލު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތުތައް ލިބުނުނަމަވެސް، މާޒިޔާއަށް އެ ފުރުސަތުތަކުގެ ބޭނުންނުހިފި ބޭކަރުވެގެން ދިޔަކަން ފާހަގަކުރެވުނު ކަމަށެވެ.
ހެނާންޑޭޒް ބުނީ މި މުބާރާތަށް ނުކުތްއިރުވެސް މާޒިޔާގެ އަމާޒަކީ ފައިނަލަށް ނުކުތުން ކަމަށާއި، އެހެންނަމަވެސް މެޗުގައި ވަރަށް ގިނަ ގޯސްތައް ހެދުން ކަމަށެވެ.
ސެމީގައި ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ޕާފޯމްނުކުރެވުނު ކަމަށާއި، ޓީސީ އަތުން ގޯލު ސްކޯކުރަންވެސް އުނދަގޫވި ކަމަށެވެ. ޚާއްސަކޮށް މާޒިޔާގެ އެޓޭކިން ރަނގަޅު ނޫން ކަމަށާއި، ވަރަށް ގިނަ ޕާސްތައް މިސްވި ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް ފައިނަލް މެޗުގައި އެ ގޯސްތައް ރަނގަޅު ކުރާނެ ކަމަށް ކޯޗު ބުންޏެވެ.
ލީގު ކަޕް 2025 ގެ ރޭންކިންގައި މާޒިޔާއަށް އެއްވަނަ ލިބިފައިވާކަން ފާހަގަކުރަމުން ހެނާންޑޭޒް ބުނީ ފައިނަލަށް ނިކުންނާނީ މެޗު ކާމިޔާބުކުރުމުގެ އުއްމީދުގައި ކަމަށެވެ. އެހެންނަމަވެސް ފުޓްބޯޅައަކީ ކާމިޔާބު ހޯދަން އުނދަގޫ ކުޅިވަރެއް ކަމަށާއި، ކޮންމެ ޓީމެއްވެސް ނިކުންނާނީ ކާމިޔާބު ކުރަން ކަމަށް ހެނާންޑޭޒް ބުންޏެވެ.