ދިވެހިރާއްޖެ އާއި ހޮންގްކޮންގް އާ ދެމެދު އެކުލަވާލާފައިވާ "ޑަބަލް ޓެކްސް އެވޮއިޑެންސް" (ޑީ.ޓީ.އޭ) އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެސް، ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން ޓެކްސްއަށް މަކަރުހެދުމުގެ ދޮރުތައް ބަންދުކުރުމުގެ މަޤްސަދުގައި ވެވޭ އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ. އަދި ހޮންގްކޮންގް ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހޮންގްކޮންގްގެ އިންލެންޑް ރެވެނިއު ޑިޕާޓްމެންޓުގެ ކޮމިޝަނަރ ޗެންޒިވައި ބެންޖަމިނެވެ. މި އެއްބަސް އެކުލަވާލުމާއެކު މި ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުޢާަމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވި، ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް މީރާއިން ވިދާޅުވިއެވެ.
ރާއްޖެއިން ވަނީ 2016 ވަނަ އަހަރު އިންޑިއާއި ދެމެދު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރިމްންޓެއްގައި ސޮއިކޮށްފައެވެ. އަދި 2017 ވަަނަ އަހަރު ޔުނެއިޓެޑް އަރަބް އެމިރޭޓްސްއާއި އެކު މިއެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، 2021 ވަނަަ އަހަރުގެ ބަންގްލަދޭޝް އަދި 2024 ވަނަ އަހަރުގެ މެލޭޝިޔާއާއި ދެމެދުވެސް ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ރާއްޖޭގެ ޓެކްސް ނިޒާމެއް ތަންފީޒުކުރުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަރުދަނާ ޓެކްސް ޓްރީޓީ ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މީރާއިން މައުލޫމާތުދެއެެވެ.