ޚަބަރު

ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް އިންޑޯ ސްޕޯޓްސް ކޮމްޕެލްކްސްތައް ގާއިމުކުރަނީ


ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ސްޕޯޓްސް ޓޫރިޒަމް ފުޅާކުރެއްވުމަށް ދިހަ ވަރަކަށް ރަށުގައި އިންޑޯ ސްޕޯޓްސް ކޮމްޕެލްކްސްތައް ގާއިމުކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކުޅިވަރު ޤާނޫނަށް ގެނެވުނު އިސްލާހުތަކާއިއެކު ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ސަބަބުން ޤާނޫނަށް އައި ބަދަލުތަކާއެކު ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެގޮތުން މުޅި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ނިންމާލެވުމުން ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުގެ ސިޔާސަތަށް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

އެކި ސަރަހައްދުތަކުގައި ޤާއިމުކުރަން ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ސަބަބުން ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް މަގުފަހިވެ އިގްތިސާދަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

"އޭގެ ކުރެހުމާއި އެކަމަށް ބޭނުންވާ އަދަދަށް ސާމާނުވެސް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ އެސްޓީއޯއާއި ވެސް ހިއްސާކޮށްފައިވާނީ. އިރާދުކުރެއްވިއްޔާ އެސްއޯއީތަކާއި ގުޅިގެން އަދި އަމިއްލަ ފަރާތްތަކާއި ގުޅިގެންވެސް މި މަޝްރޫއުތައް އަޅުގަނޑުމެންނަށް ކުރިޔަށް ގެންދެވޭނެ. އެހެންވީމަ ވަސީލަތްތައް އިރާދުކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި ދާނީ ޤާއިމުކުރެވެމުން" ކަމަށް ރާފިޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރައްވަމުންދާ ކަމަށެވެ. ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

އެހެންކަމުން އެކި ރަށްރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކާއި، އެކި ކުޅިވަރުތައް ކުޅޭ ކޯޓުތަކާއި ދަނޑުތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން 77 އަށްވުރެ ގިނަ މަޝްރޫއުވަނީ އެމްޓީސީސީ އާއި ފެނަކަ އާއި އާރްޑީސީ އާއި ހަވާލުކޮށްފައެވެ.