ކުޅިވަރު

ރައުލް ރުޅިއަތުވެއްޖެ، ރެއާލްގައި ދެން ނުހުންނާނެ


ސްޕެއިންގެ ރެއާލް މެޑްރިޑުން ވަކިވާން އެ ޓީމުގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒް ނިންމައިފިއެވެ.

އޭނާ މިވަގުތު މަސައްކަތް ކުރަމުންދަނީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައެވެ. ރައުލް ކުޑައިރުއްސުރެ ކުޅުނު ކުލަބު ދޫކޮށްލާ ވަކި ސަބަބެއް އޭނާގެ ފަރާތުން ރަސްމީކޮށް ބުނެފައެއް ނުވެއެވެ. ނަމަވެސް ސްޕެއިންގެ ނޫސްތަކުން ބުނަނީ މިކަމުގެ ހަގީގީ ސަބަބަކީ ރެއާލް މެޑްރިޑުގެ ސީނިއާ ޓީމުގެ ކޯޗުކަން ނުލިބުން ކަމަށެވެ.

އުމުރުން 47 އަހަރުގެ ރައުލް އަކީ 2019 ވަނަ އަހަރުން ފެށިގެން ރެއާލްގެ ރިޒާވް ޓީމުގެ ކޯޗެވެ. އޭނާގެ ކޯޗުކަމުގައި އެ ޓީމު ވަނީ ކުރިއެރުންތަކެއް ވެސް ހާސިލްކޮށްފަ އެވެ. ނަމަވެސް ސީނިއާ ޓީމުގެ ކޯޗުކަން އޭނާ އަށް ދޭން ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް ބޭނުމެއްނުވެ އެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނަނީ ރައުލް އަށް ރެއާލްގެ ހެޑް ކޯޗުކަން ލިބިދާނެ ކަމަށް އޭނާ އުއްމީދު ކުރި ތިން ފުރުސަތެއް މިހާރު ހިނގައްޖެ ކަމަށެވެ. އޭގެ ތެރެއިން ފަހު ފުރުސަތަކީ މި ސިޒަނަށް ފަހު ކޯޗުކަނުން ކާލޯ އަންޗެލޯޓީ ވަކިވުމެވެ. ނަމަވެސް ރެއާލްއިން މިހާރު ނިންމާފައިވަނީ އަންޗެލޯޓީ އަށް ފަހު ބަޔާ ލެވަކޫސެންގެ ކޯޗު އަދި ރެއާލްގެ ކުރީގެ މިޑްފީލްޑަރު ޒަވީ އަލޮންސޯ އަށް ކޯޗުކަން ދިނުމަށެވެ.

ރައުލް އަކީ ރެއާލް މެޑްރިޑަށް 1994 އިން 2010 އަށް ކުޅެ 550 މެޗުން 228 ގޯލު ޖަހާދީފައިވާ ފޯވަޑެކެވެ. އޭނާ އަށް ރެއާލް 19 އަހަރުން ދަށުގެ ޓީމު ދޫކޮށްލުމުން އެ މަގާމާ ހަވާލުވާނެ ކަމަށް ބެލެވެނީ ކުރީގެ ޑިފެންޑަރު އަލްވާރޯ އާބެލޯއާ އެވެ. އާބެލޯއާ އަކީ އަލޮންސޯއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. މީގެ އިތުރުން ބްރެޒިލްގެ ކުރީގެ ފޯވަޑް ހޫލިއޯ ބަޕްޓިސްޓާ ވެސް ރެއާލްގެ ޖޫނިއާ ޓީމުތަކުގެ ކޯޗެއްގެ ގޮތުން އަންނަ ސީޒަން ފެށުމުގެ ކުރިން އެ ޓީމާ ގުޅޭނެ އެވެ.

ރެއާލްގެ ހެޑް ކޯޗުކަން ކުރުމަކީ ރައުލްގެ އަބަދުވެސް ހުވަފެނެކެވެ. ނަމަވެސް އޭނާ އަށް އެ ފުރުސަތު ނުލިބުމުން ދެން ސްޕޭން ނޫން އެހެން ގައުމެއްގެ ޓީމަކާ ހަވާލުވާން ވިސްނަމުންދާ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. މީގެ ކުރިން އޭނާ ވަނީ ސްޕޭނުގެ ބޭރުގެ ކުލަބުތަކުން ލިބުނު ފުރުސަތު ރެއާލްގެ ހެޑްކޯޗަކަށް ވުމުގެ ހުވަފެނުގައި ދޫކޮށްލާފަ އެވެ.