ޔޫރަޕުގައި މި ވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ކުލަބުތަކުން ފާރަލަމުންދާ ކުޅުންތެރިޔަކީ ބަޔާ ލެވަކޫސެންގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް އެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވާޓްޒް މިހާރު ވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލްއަ ކުޅެން އާނބަސް ދީފައެވެ. ނަމަވެސް އެއްވެސް ފަރާތަކުން އަދި މިކަން ޔަގީންކޮށްދީފައެއް ނުވެއެވެ.
ވާޓްޒް ލިވަޕޫލަށް ހިނގައިދާނެ ކަމަށް ބެލެވޭ ޕޮލިސީ ލެވެލްގެ އެއް ސަބަބަކަށްވުރެ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ސަބަބަކީ އޭނާ ގަތުމުގެ ރޭހުން މުއްސަނދި މެންޗެސްޓާ ސިޓީ ވަކިވުމެވެ. އެއީ އޭނާ ވިއްކަނަ ލެވަކޫސެން ކިޔާ އަގު ބޮޑުވުމެވެ. މިހާރު އަޑު އިވެނީ މި ލިސްޓުން ސްޕޭނުގެ ރެއާލް މެޑްރިޑް ވެސް ވަކިވި ވާހަކަ އެވެ.
ލެވަކޫސެން ބޭނުންވެގެން އުޅޭ 150 މިލިއަން ޔޫރޯ ދީފައި ވާޓްޒް ގަނެވޭނެ މާލީ ގާބިލްކަން ހުރި ސިޓީ ފަދަ އަނެއް ކުލަބަކީ ރެއާލް މެޑްރިޑެވެ. ވާޓްޒް އަށް ލެވަކޫސެންގައި މިދިޔަ ދެ ސީޒަނުގައި ކޯޗުކޮށްދިން ޒަބީ އަލޮންސޯ ރެއާލް މެޑްރިޑާ ހަވާލުވި ނަމަވެސް އަދި ކޯޗު ކިތަންމެ ބޭނުންވި ނަމަވެސް ރެއާލް އޮތީ 150 މިލިއަން ދީފައި ކުޅުންތެރިޔާ ގަންނަ ގޮތަކަށްނޫނެވެ. މިއަށްވުރެ ބޮޑަށް އެ ޓީމުން އިސްކަންދެނީ އަގުހެޔޮ އަދި ހިލޭ ޓްރާންސްފާގައި ކުޅުންތެރިން ގެނައުމަށެވެ.
ވާޓްސް ގަތުމަށް ބޭނުން ވެގެން އުޅޭ އަނެއް ކުލަބަކީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. އެ ޓީމުގެ ކޯޗު ވިންސެންޓް ކޮންޕެނީ ވަނީ ވާޓްޒްއާ ފޯނުން ވާހަކަ ދައްކައިފަ އެވެ. ބަޔާންގައި ކުޅުންތެރިޔާ އަށް އޮންނާނެ ރޯލާއި އޭނާ ލައްވައި ކުޅުވަން ބޭނުންވާ ގޮތް ކޮމްޕެނީ ވަނީ އޮޅުން ފިލުވައިދީފަ އެވެ. ވާޓްޒް ވެސް ހުރީ ފުރުސަތު ލިބިއްޖެނަމަ ބަޔާންގެ ޖާޒީ ލާގޮތަށެވެ. ނަމަވެސް މިކަމަށް ހުރަސް އެޅެނީ ލެވަކޫސެން އާއި ބަޔާންގެ ވާދަވެރި ކަމެވެ. ލެވަކޫސެން އޮތީ އެ ޓީމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކޮށްގެން ވެސް ބަޔާނަށް ކުޅުންތެރިޔާ ދިޔަ ނުދޭށެވެ.
މާލީ ގޮތުން ވާޓްޒް ފަދަ ކުޅުންތެރިއަކު ގަނެވޭނެ ގާބިލްކަން ހުރި އަނެއް ކުލަބަކީ ލިވަޕޫލެވެ. އެއީ މިވަގުތު އިނގިރޭސި ލީގުގެ ޗެމްޕިއަނެވެ. އެމީހުން 150 މިލިއަން އެއް ފަހަރާ ހޭދަކުރިޔަސް މާލީ ގޮތުން ފާރަވެރިވާ ފަރާތްތަކުގެ މައްސަލައެއް ވެސް ނެތެވެ. ސަބަބަކީ ހުސްވި ސީޒަނުގައި ވެސް ލިވަޕޫލަކީ ކުޅުންތެރިން ގަތުމަށް ހޭދަކޮށްފައިވާ ކުލަބަކަށްނުވުމެވެ. މިހެންވެ މާލީ ގޮތުން ކުރިއަށް އޮތް ސީޒަނަށް ފައިސާ ހޭދަކުރަން އެއްވެސް ހުރަހެއް ނެތެވެ. ވާޓްޒްގެ ލޯޔަރުންނާއި އޭނާގެ އެޖެންޓުންނާއެކު ލިވަޕޫލުން މަޝްވަރާ ކުރާތާ ދުވަސްކޮޅެއްވެއްޖެ އެވެ. އެހެން ކުލަބުތަކަށްވުރެ މި ވާހަކަތަކުގެ ސްޕީޑް ހަލުވި ވެފައި ކާމިޔާބު ކަމަށް ބުނެވެނީ މިހެންވެ އެވެ. އިނގިރޭސި މީޑިއާތަކުން ބުނަނީ މިހާރު އޮތީ ދެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރުން އެކަނި ކަމަށެވެ.