ޚަބަރު

އީރާނުގެ އިންޤިލާބީ ފައުޖުގެ ޖާސޫސީ ވެރިޔާ ޝަހީދުކޮށްލައިފި


އެމެރިކާ އާއި ޔަހޫދީން ގުޅިގެން ދެމުންދާ ނިރުބަވެރި ވައިގެ ޙަމަލާތަކުގައި، އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީގެ ޖާސޫސީ ވެރިޔާ މާޖިދު ޚާދިމީ ޝަހީދުކޮށްލައިފިއެވެ.

އައިއާރުޖީސީން ބުނީ، ޚާދިމީ ޝަހީދުކޮށްލާފައިވަނީ އެމެރިކާ އާއި ޔަހޫދީން ގުޅިގެން މިއަދު ހެނދުނުން ފެށިގެން އީރާނުގެ ވެރިރަށް ތަހްރާނުގެ އިރުމައްޗާއި، ހުޅަނގު އަދި ދެކުނުގެ ސަރަޙައްދުތަކަށް ދެމުންދާ ނިރުބަވެރި ވައިގެ ޙަމަލާތަކުގައި ކަމަށެވެ.

މިގޮތުން، އެ ޙަމަލާތަކުގައި ތަހްރާނުގެ އުތުރުގައި ހުންނަ ޝާރިފް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއަށް ވެސް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ.

ހަނގުރާމައިގެ މިހާތަނަށް އީރާންގެ 30 ޔުނިވަރސިޓީއަކަށް ޙަމަލާތައް އަމާޒުކޮށްފައިވާ ކަމުގައި އެ ޤައުމުގެ ރަސްމީ އިދާރާތަކުން ހާމަކުރިއެވެ. މީގެ ތެރޭގައި ވެރިރަށް ތަހްރާންގެ އެންމެ މުހިންމު އެއް މަތީ ތަޢުލީމީ މަރުކަޒުގައި ހުންނަ ދިރާސާކުރާ މަރުކަޒަކަށް ދިން ނުރައްކާތެރި ޙަމަލާއެއްގައި އެ ތަން ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.

ޔުނިވަރސިޓީތަކުގެ އިތުރުން، އެމެރިކާއާއި ޔަހޫދީންގެ ޙަމަލާތައް ވަނީ ސިއްޙީ ދާއިރާއާއި ޢާންމު ޚިދުމަތްތަކަށް ވެސް އަމާޒުކޮށްފައެވެ. ތެހްރާންގައި ހުންނަ ވެކްސިން އުފައްދާ މަރުކަޒަކަށާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލަކަށް ދިން ހަމަލާތަކާ ގުޅިގެން، އެ ތަންތަނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

އިޤުތިޞާދީ ގޮތުން އީރާނަށް ދަތިކުރުމަށް ޓަކައި އެ ޤައުމުގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ޢާންމުން ދަތުރުފަތުރުކުރާ ބުރިޖުތަކަށް ވެސް އެމެރިކާއާއި ޔަހޫދީން ދަނީ ބޮން އަޅަމުންނެވެ.

ތަހްރާނުގެ އިތުރުން، އީރާނުގެ މީހުން ދިރިއުޅޭ އެހެން ސަހަރުތަކަށް ވެސް އެމެރިކާ އާއި ޔަހޫދީން ގުޅިގެން ހުއްޓުމެއްނެތި ޙަމަލާތައް ދެމުންދާކަމަށް އީރާނުގެ ކަމާގުޅޭ އިދާރާތަކުން ބުނެފައިވެއެވެ.

މި ހަނގުރާމައިގައި މިހާތަނަށް 2,076 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ފެބްރުއަރީ 28ގައި އެމެރިކާއާ ގުޅިގެން ޔަހޫދީން ފެށި މި ނިރުބަވެރި ޢުދުވާނުގެ ރައްދު އީރާނު ވެސް ދަނީ ވަރުގަދައަށް ދެމުންނެވެ.

މިގޮތުން، ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަނީ ވަރުގަދަ ޙަމަލާތައްދީ، ބޮޑެތި ގެއްލުންތައް ދީފައެވެ.

އީރާނުގެ ވެރިރަށަށް ދެމުންދާ ޙަމަލާތައް އިތުރަށް ފުޅާކުރުމުގެ ރައްދު ދޭނެކަމުގެ އިންޒާރު އައިއާރުޖީސީން ވަނީ ދީފައެވެ.