ޖުމްލަ 143 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މާލެ ސަހަރައްދުގެ 16 ސުކޫލަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ މި މަހުގެ 14-22 އަށް ހެންވޭރު މުނިއުފާގައި ހުންނަ މާލޭ ޓީޓީ ހޯލްގައެވެ. މި މުބާރާތުގައި 65 އަންހެން ކުދިންނާއި، 78 ފިރިހެން ކުދިން ވާދަކުރިއިރު، ޖުމްލަ 685 މެޗު ވަނީ ކުޅެފައެވެ.
ކުޅިވަރާ ބެހޭ ވުޒާރާ އާއި، ތައުލީމާ ބެހޭ ވުޒާރާ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ގުޅިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ކުޅުންތެރިން ވާދަކުރިއެވެ. އޭގެތެރޭގައި 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެއެވެ.
މި މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ. އަދި 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދިއިރު، މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަމީނިއްޔާ ސްކޫލުންނެވެ.
އަދި މި މުބާރާތުގެ 15 އަހަރުން ފިރިހެން ބައިގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދިއިރު، މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ. މީގެ އިތުރުން 13 އަހަރުން ފިރިހެން ބައިގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ޣިޔާސުއްދީން ސްކޫލުން ހޯދިއިރު، މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުރަވީ ސްކޫލުންނެވެ.
މި މުބާރާތުގެ ކުޅުން ބުރާސްފަތި ދުވަހުގެ ހަވީރު ނިމުނުއިރު، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.