ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިން ރަން ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް އިނާމް ދެއްވައިފިއެވެ.
މި ފަރާތްތަކަށް އިނާމް ދެއްވާފައިވަނީ އެކަމަށްޓަކާ ސޯޝަލް ސެންޓަރުގެ އިންޑޯރ ހޯލުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ޙާޞިލުކުރެއްވި 5 އުފެއްދުމަކަށް އިނާމް ޙަވާލުކޮށްދެއްވާފައެވެ.
މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަން ވަނަ ހާޞިލުކުރި 5 އުފެއްދުމަކީ:
- އަބުޑީ މޯލްޑިވްސްގެ “2 ލާރި” / ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިންގެ ބައިން
- މޯލްޑިވްސް ޕޮލިޓެކްނިކްގެ “ކޭކް ރަސްފަރި” / އެހެނިހެން ބައިން
- މުޙައްމަދު މޫސާގެ “ޔޮޓް” / ލަކުޑީގެ އުފެއްދުންތަކުގެ ބައިން
- ލުޖައިން ޢަލީ ވަޙީދުގެ “ސީ ބާޑް” / ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިންގެ ބައިން
- ޢަލީ މާހިރުގެ “އިސްލާމީ މަރުކަޒު ސްކޭލް މޮޑެލް” / ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިންގެ ބައިން
މި ރަސްމިއްޔާތުގައި މުޅި މައުރަޒުން ރަންވަނަތައް ހާޞިލުކުރެއްވި އުފެއްދުންތަކުގެ އިތުރުން، ތަފާތު 9 ދާއިރާއާކުން 1 ވަނަ ހާޞިލުކުރި ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމް ޙަވާލުކޮށްދެއްވާފައެވެ. ހަމައެހެންމެ އެކި ގިންތިތަކުންނާއި ދާއިރާތަކުން ވަނަވަނައަށް ދިޔަ 275 ފަރާތްތަކަށް މި ރަސްމިއްޔާތުގައި ވަނީ އިނާމް ދެއްވާފައެވެ.
• އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ: ލުޖައިން ޢަލީ ވަޙީދު
• ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ: ގއ. ވިލިނގިލި
• ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ: އައްޑޫ ސިޓީ ހިތަދޫ
• ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ: ސިޑީ ކިޗަން ޕވޓ ލމޓ
• ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާއިން 1 ވަނަ: މޯލްޑިވްސް ޕޮލިޓެކްނިކް
• ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ: ފާތުމަތު ޝަފަޤު
• ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން 1 ވަނަ: ވީމް
• މުޅި މައުރަޒުން 1 ވަނަ ސިޓީ/ރަށް: އައްޑޫ ސިޓީ
• ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ: ސްޓެލްކޯ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.
މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މިފަހަރުގެ މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3500 އަށްވުރެ ގިނަ އުފެއްދުންތައް ފެނިގެންދާނެކަމަށް މައުރަޒު އިންތިޒާމްކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއެވެ. މި މައުރަޒު އޮންނާނީ މިމަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
މިފަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގެ އިތުރުން، ހުނަަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ. އެގޮތުން އުފެއްދުންތެރި އިޤްތިޞާދީ ޑިސްޓްރިކްޓް، ޑިޖިޓަލް އަދި އީޖާދީ ޑިސްޓްރިކްޓް، މުނިފޫހިފިލުވުމުގެ ޑިސްޓްރިކްޓް އަދި ބާޒާރު ޑިސްޓްރިކްޓްގެ ނަމުގައި ޚާއްސަ ސަރަޙައްދުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.
ދިވެހި ފަންނުވެރިންގެ ހުނަރުތައް ދައްކުވައިދޭ އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދީ، ދިވެހި އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އުފެއްދުމަށް މި މައުރަޒު ބާރަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖޭގައި އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަމަ ބޭއްވީ 1944 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހުން ތަފާތު ނަންނަމުގައި މި މައުރަޒު މީގެ ކުރިން އެކި އަހަރުމަތިން ވަނީ ބާއްވާފައެވެ. އެހެންނަމަވެސް މިހާ ފުޅާކޮށް މި މައުރަޒު ބޭއްވިގެން މިދަނީ ގާތްގަނޑަކަށް 6 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.