ކުޅިވަރު

ޕްލޭނާއި އެއްގޮތަކަށް ނުކުޅެވުނު، ރެފްރީންނާމެދުވެސް ހިތްހަމައެއް ނުޖެހޭ: މާޒިޔާ ކޯޗު


އެފްއޭއެމް ލީގު ކަޕް 2025 ގައި އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް މާޒިޔާއިން ކުޅުނު ލީގު ބުރުގެ ފަހު މެޗަކުގައި ޕްލޭނާއި އެއްގޮތަށް ނުކުޅެވުނު ކަމަށާއި، ކުޅުންތެރިންގެ ކުޅުމާމެދު އެހާ ހިތްހަމަނުޖެހޭކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ އޭނާގެ ކުޅުންތެރިންނަށް އެ މެޗުގައި އެޓޭކިންއަށް އެހާ ރަނގަޅަށް ތައްޔާރުވެވިފައި ނުވާކަމަށާއި، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް އެންމެ އެކަށީގެންވާ ވަރަށް ތަނަވަސް ނުކުރެވުނު ކަމަށެވެ.

އެ މެޗުގެ ފަހު ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން 1-1 ގެ ނަތީޖާއަކުން މާޒިޔާ އޮޑިއާއި އެއްވަރުކުރިނަމަވެސް މެޗުގައި މާޒިޔާއިން ވަނީ ގިނަ ގޯސްތަކެއް ހަދާފައެވެ. އެގޮތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދިޔައީ ބޭކާރުވެގެންނެވެ.

އޮޑިން އެޓީމު ވަރަށް ރަނގަޅަށް ހިފަހައްޓައިގެން ކުޅެމުންދަނިކޮށް ފަހު ހާފުގައި ގާތްގާތުގައި ފައުލުތައް އިތުރުވެ ދަނޑުން ބޭރުން ބެންޗުންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ރެފްރީންގެ ނިންމުތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ޓީމުގެ ކޯޗުގެ އިތުރުން ޓީމުގެ އެހެން އޮފިޝަލުންވެސް ރެފްރީންނާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރިތަން ފެނުނެވެ.

ހެނާންޑޭޒް ބުނީ އެ މެޗުގެ ރެފްރީން އަމަލުކުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، މެނޭޖްކުރިގޮތާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މައްސަލަތައް އިތުރުވެ ވަރަށް ގިނަ ފަހަރަށް މެޗު ހުއްޓާލަންވެސް ޖެހުނު ކަމަށެވެ.

ދެން އޮތީ ސެމީ ފައިނަލް ކަމަށާއި، އެ މެޗަށް މާޒިޔާގެ ކޮމިޓްމެންޓާއި ކޮލިޓީ ދައްކަންޖެހޭ ކަމަށާއި، އެހެންކަމުން ކުޅުންތެރިންގެ ކުޅުން މިހާރަށްވުރެ ރަނގަޅުކުރަން ޖެހޭ ކަމަށްވެސް މާޒިޔާގެ ކޯޗު ހެނާންޑޭޒް ބުންޏެވެ.