ޚަބަރު

އުންމީދަކީ ޗައިނާގެ އެއްބާރުލުމާއެކު އޭޝިއަން ގޭމްސް ނުވަތަ އޮލިމްޕިކްސްގައި ވަނަތަކެއް ހޯދުން: ކުޅިވަރު ވަޒީރު


ރާއްޖޭން ކުރިޔަށް އޮތް 15 ވަރަކަށް އަހަރުގެތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކުޅިވަރުގެ އަމާޒުތައް، ޗައިނާ ސަރުކާރުގެ އެއްބާރުލުމާއެކު ހާސިލުވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިއު މިހެން ވިދާޅުވީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ގިނަ އަދަދެއްގެ ކުޅިވަރު ސާމާނާ ހަވާލުވެވަޑައިގެން އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ކުޅިވަރު ވަޒީރު ވިދާޅުވީ އުންމީދަކީ އޭޝިއަން ގޭމްސް ނުވަތަ އޮލިމްޕިކްސް ކުޅިވަރު މުބާރާތުން ރާއްޖޭއަށް މަތީ ވަނަތަކެއް ގެނައުން ކަމަށެވެ.

”އަޅުގަނޑުމެންގެ އެއް އަމާޒަކީ މޯލްޑިވްސް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން އޭޝިއަން ގޭމްސްގައި ނުވަތަ އޮލިމިޕިކްސްގައި 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގައި ޕޯޑިއަމް ފިނިޝިންއެއް ހޯދުން. މިފަދަ ލަނޑުދަނޑިއެއް ހާސިލުކުރުމަށް ޗައިނާއިން ރާއްޖެއަށަ އެހީތެރިވެދެވޭނެކަން ޔަގީން. ސަބަބަކީ މި ކުޅިވަރުތަކުގައި އެމީހުންގެ ވަރުގަދަކަން މިވަނީ އެތައް ފަހަރަކު ސާބިތުކޮށްދީފަ“ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކުރެއްވުމަށް ޗައިނާ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، ޗައިނާގެ އެހީތެރިކަމާއެކު ސަރުކާރުގެ ޓައިމްލައިނާ އެއްގޮތަށް ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން ރާއްޖޭން ހާސިލު ކުރަން ބޭނުންވާ މަތީ ވަނަތައް ހާސިލް ކުރެވޭނެކަމަށް ޔަގީން ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުން ވަނީ ފުޓްބޯޅަ އާއި އެތުލެޓިކްސް އަދި ޓޭބަލްޓެނިސްގައި ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޗިންހުއާއެވެ. ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ކުޅީވަރާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.

މިތަކެއްޗާއި ހަވާލުވެވަޑަިއގެންނެވުމަށްފަހު ވަޒީރު ވިދާޅުވީ ޗައިނާއަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސާމާނު ރާއްޖެއަށް ހަދިޔާ ކުރާ ޤައުމެއް ނޫން ކަމަށާއި، ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގައިވެސް ވަރަށް ބޮޑަށް އެއްބާރުލުންދޭ ޤައުމެއް ކަމަށެވެ. އަދި މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގައި އެގައުމުން ދޭ އެހީތެރިކަމާއި އެއްބާރުލުން ވަޒީރު ފާހަގަ ކުރެއްވިއެވެ.

އަދި ޗައިނާގެ ތަޖުރިބާކާރުންގެ އެހީގައި އެކި ކުޅިވަރުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ކޯޗުންނަށް ތަމްރީނު ދެވެމުންއަންނަކަމަށް ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ދާދިފަހުންވެސް ޗައިނާއިން ރާއްޖޭގެ 20 ވޮލީ ބޯޅަ ކޯޗުނަށް ތަމްރީނުދީފައިވާ ކަމަށެވެ.

އެހެންކަމުން ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ޤާތް ގުޅުންތައް އިތުރަށް ބަދަހިވެ ވަކިން ހާއްސަކޯށް ކުޅިވަރުގެ ދާއިރާއިން މިހާރަށްވުރެ ބޮޑަށް ދެގައުމުން ގުޅިގެން އެއްބާރުލުންދޭނެ ކަމަށާއި، ރާއްޖޭން ކުޅީވަރުގެ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އަމާޒުތަކާއި ހަމައަށް ޗައިނާ ސަރުކާރުގެ އެއްބާރުލުމާއެކު ވާސިލުވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ޗައިނާއާއި މެދު ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި، ޗައިނާއިން ރާއްޖެއާއި އެކު ދަމަހައްޓަމުން އަންނަ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ.